ހދ. ނެއްލައިދޫގެ ބައެއް ފަރާތްތަކުން އެރަށު މަގުތައް މަތީ ޓިނާއި، ވެއްޔާއި ގައު ފަދަ ތަކެތި ބަހައްޓަމުން ދާތީ އެގޮތަށް އެކަން ނުކުރުމަށް ނެއްލައިދޫ ކައުންސިލުން އަންގައިފިއެވެ.

އެރަށު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެރަށުގެ މަގުތައް މަތީ ތަކެތި ބަހައްޓަމުންދާ ކަމުގެ ޝަކުވާ އާއްމު ފަރާތްތަކުން ދަނީ އެ ކައުންސިލުންނަށް ހުށައަޅަމުންނެވެ.

Ad
rt

އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކުގެ މަގުމަތީގައި ގަލާއި ވެއްޔާއި ޓިނާއި ލަކުޑި ފަދަ ތަކެތި ބަހައްޓަމުންދާ ކަމަށް އެފަރާތްތަކުން ފާހަގަ ކޮށްފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ބައެއް ހިސާބުތަކުގެ ގޭތަކުގައި ހެދިފައި ހުންނަ ރުއްތަކާއި ގަސްތަކުން މަގުމައްޗަށް ވާހެން ހުންނަ ގޮފިތަކާއި ފަންތައް ނުކަނޑާ ހުންނަ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މީގެ ތެރޭގައި މީހުން ނޫޅޭ ފަޅު ގޭތަކާއި އެ ގޯތިތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފު ނުކުރާކަމުގެ ޝަކުވާ ވެސް ލިބޭކަމަށް ނެއްލައިދޫ ކައުންސިލުން ވިދާޅުވެއެވެ.

ނެއްލައިދޫ ކައުންސިލުން ވަނީ މަގުމަތީގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެތަކެތި ނެގުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެހެން މީހުންނަށް އުނދަގޫ ނުވާނޭހެން ގަސްތަކާއި ރުއްތައް ކޮށާ ރަށުތެރެ ސާފުކޮށް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ވަނީ އެދިފައެވެ.