ހދ.ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން، ހަނިމާދޫގައި ކުރިއަށް ގެންދިޔަ ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

28 ނޮވެމްބަރ 2021 ވީ އާދީއްތަ ދުވަހު ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ފަށައިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ނިންމާލާފައި ވަނީ 30 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހުއެވެ. މި ވޯކްޝޮޕް ނިންމުމުގެ ގޮތުން ރޭ ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި ވޯކްޝޮޕް ފުރިހަމަކުރި 24 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

Ad
rt

މި ވޯކްޝޮޕާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ކައުންސިލް މެމްބަރ ނާޒިޔާ ހަސަން ވިދާޅުވެފައި ވަނީ ފޮތިފަދަ މެޓީރިއަލް ބޭނުން ކޮށްގެން ދަބަހާއި ފޮތި ކޮތަޅު ފަހަން ދަސްކޮށްދިނުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ތިމާވެއްޓަށް ގެއްލުންވާ ރަބަރު ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ހިތްވަރު ދިނުންކަމަށެވެ.

މި ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލުމުގައި ބައިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ނާޒިޔާވަނީ ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން ވޯކްޝޮޕްގައި ލެކްޗަރާއިން ގޮތުގައި ބައިވެރިވި ފަރާތްތަކަށާއި، ޔޫތު މިނިސްޓްރީން މިފަދަ ވޯކްޝޮޕެއް ހަނިމާދޫ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަކަމަށްޓަކައި އެކަން ފާހަގަކޮށް ނާޒިޔާ ވަނީ އެ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.