މަސްވެރިކަމަކީ ދިވެހިން ވަޒަންވެރިވީންސުރެ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއްކަން ޔަޤީނެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވުމާއި ގުޅޭގޮތުން ތާރީހް ދިރާސާ ކުރައްވާ ފަރާތްތަކުން ލިޔުއްވާފައިވާ ލިޔުއްވުންތަކުން އެނގޭ ގޮތުގައި އޭރުންސުރެ ދިވެހިން ކާން ބޯން ކުރާ އެއް މަސައްކަތަކީ މަސްވެރިކަންކަން އިނގެއެވެ.
މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ އަސާސީ މަސައްކަތަށްވާއިރު، ރާއްޖެއަކީ މިމަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ބޮޑު ތިލަދުންމައްޗަކީ ފެށުނީންސުރެ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްވެރިކަން ކުރަމުން އަންނަ އެއްބައެވެ.
ހިތާމައަކީ ބޮޑު ތިލަދުންމަތީގެ މަސްވެރިންނަށް ބާނާ މަސް ކޮޅަށް ހަމަ އަގު ނުލިބޭކަމެވެ. މިއަދު ތިލަދުން މަތީގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބާނާ މަސްކޮޅު ކިރޭނެ ގޮތެއްނެތުން ކަމަށާއި އެމީހުންނަށް މަސްކިރާ ބޯއްޓެއް ފެންނަވަރުވަނީ އަހަރަކު 3 ދުވަހުކަމަށް ހދ. ކުޅުދުއްފުށީގައި މަސްވެރިކަން ކުރަމުން އަންނަ ފަރާތަކުން މައުލޫމަތު ދެއެވެ. މަސްކިރާނެ ބޯއްޓެއް ފެނުނު ކަމުގައި ވީނަމަވެސް ގިނަ ފަހަރު އެ ބޯއްޓުތައްވެސް އޮންނަނީ ފުރިފައިކަން އެފަރާތުން ހިތާމަޔާއެކު ފާހަގަ ކުރެއެވެ.
އާންމުގޮތެއްގައި ބޯޓަށް ކިރައިގެން ހުވަދު އަތޮޅުގެ މަސްވެރިންނަށް 20 ރުފިޔާއަށް ކިލޯއެއް، މެދުރާއްޖެތެރެއިން 15 ރުފިޔާ ކިލޯއަކަށް ލިބޭއިރު ހދ އަތޮޅުގެ މަސްވެރިންނަށް ލިބެނީ 5 ރުފިޔާ 6 ރުފިޔާއަށް ކަމަށް އެފަރާތުން މައުލޫމަތު ދެއެވެ. މިއީ ތިލަދުންމަތީ މަސްވެރިންނަށް ހައްޤު މިންވަރު ހެއްޔެވެ؟ ތިލަދުންމަތީ މަސްވެރިން ދެކޭ ގޮތުގައި މިއީ އެބޭފުޅުންނަށް ހައްގު މިންވަރު ނޫނެވެ.
ތިލަދުންމަތީ މަސްވެރިންނަށްވެސް ހަމައަގު ލިބެން ޖެހޭނެއެވެ. މިއީ ތިލަދުންމަތީ މަސްވެރިންނަށް ސަރުކާރުތަކުން ވެފައިވާ އަދި ވަމުންދާ ބޮޑު އިޙްމާލެކެވެ. ސަރުކާރުން މަސް ކިރޭނެ ފުރުސަތުތައް އުތުރުގެ ރަށްތަކަށް ހޯދައި ދިނުމަކީ ތިލަދުންމަތީގެ މަސްވެރިންގެ އެދުމެވެ.
ކުޅުދުއްފުށި މީހުން ކުދި ކުދި ދޯނިފަހަރުގައިގޮސް ބާނާ މަސްކޮޅު ބޯޓައް ކިރޭނެ ގޮތެއް ނެތުމުން އެކި ރަށްރަށަގޮސް ވިއްކައިގެން އެމީހުން މީހަކަށް 1700 ރުފިޔާ މަސްކިރޭކަމަށާއި މިފްކޯ ބޯޓެއް އޮތްނަމަ ރަނގަޅު އަގެއްލިބޭނެ ކަމަށް ކުޅުދުއްފުށީގެ މަސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން 5 ވަރަކަށް އަހަރު ތެރޭގައި މަސްވެރިކަން ތަރައްޤީވެގެންދާނެ ކަމަށް ވެސް އެފަރާއްތަކުން ބުނެއެވެ. މީގެ އިތުރުން ހިތާމަޔާއެކު ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ކުރުމަށް ބޮޑެތި ދޯނިފަހަރު ގެންގުޅުން ނަމަވެސް އުތުރުގެ އަތޮޅުތަކުގައި އަދިވެސް ގިނައިން ބޭނުން ކުރަމުން ދަނީ އަނގަމަތީ މަސްދޯނިތައްކަމެވެ.އުތުރުގެ މަސްވެރިކަން ތަރައްގީ ނުވެގެން މިއުޅޭ މައިގަނޑު އެއްސަބަބަކީ ވެސް މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް އެފަރާތްތަކަށް ނުލިބޭތީކަން އެފަރާތުން ފާހަގަކުރެއެވެ.
ހދ.އަތޮޅުގައި މަސްވެރިކަން އެންމެ ރަނގަޅަށް ކުރަމުން އަންނަ އެއް ރަށް ކަމަށް ވާ ކުޅުދުއްފުށީގެ މަސްވެރިންގެ ތެރޭގައި ޒުވާން ކުދިން މަދުވާ އެއްސަބަބަކީވެސް މަސްވެރިކަމުން އެފަރާތްތަކަށް ލިބޭ އާމްދަނީ މަދުވުން ކަމަށް ވާއިރު ތިލަދުންމަތީގެ ރައްޔިތުން ތަރައްގީ ބޭނުންވާކަމަށާއި ސަރުކާރުން އެފަރާތްތަކުގެ އަޑު ތަންކޮޅެއް ކައިރިން ނާހައިފިނަމަ ކުރިޔަށް އޮތް ފަސް އަހަރުތެރޭ ބޮޑުތިލަދުންމަތިން މަސްވެރިކަން އުވިގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތްކަމަށްވެސް އެފަރާތުން ދަނީ ބުނަމުންނެވެ.
"ވެލާ އަށްވުރެ މަސްވެރިންގެ ހާލު ދެރަ. މިހަފްތާގައި މަސްބޭނީ ހއ އަތޮޅުން، އައިސް އެޅީ ރ.އަލިފުށީން އަދި ދެންމެ ފެލިވަރަށް ގުޅީމައި ބުނީ ކޫއްޑޫއަށް ދާންވީނޫންހޭ 20 ފީފާ ޑީސަލް ދޭނަމޭ. މިހާރުވެސް މަސްވެރިން ތިބީ ފެލިވަރު ކިއުގައި" ޒުވާން މަސްވެރިޔާ އޮކްޓޫބަރ މަހު ހދ އަށް ދަތުރުގައި ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ޓޫރިޒަމް ގޮތަށް މަސްވެރިކަމަކީވެސް ޒުވާނުންނަށް ކުރިމަގު އޮތް ދާއިރާއެކެވެ. ހިތާމައަކީ ހދ އަތޮޅުގައި ޓޫރިޒަމް ނެތްއިރު މަސްވެރިކަން ކުރެވޭނެ ގޮތްވެސް ނެތުމެވެ. ޔަޤީނުންވެސް މިއީ ސަރުކާރުތަކުން ހދ އަތޮޅަށް ވެފައިވާ ވަރަށް ބޮޑު އިޙްމާލެކެވެ. މިހާބޮޑު ތަފާތު ކުރުމެއް ސަރުކާރުތަކުން މިގެންގުޅެނީ ހދ އަތޮޅުކީ މިކަންކަމުން ކުރިއަރައިގެން ހިނގައިދާނެ އަތޮޅެއް ކަމަށް ވާތީހެއްޔެވެ؟ ތިލަދުންމައްޗަކީ މަސްވެރިކަން ރަނގަޅު ހިސާބެކެވެ. ނަމަވެސް ސަރުކާރުތަކުން ވެފައިވާ އިހުމާލުން މިސަރަހައްދުގައި މަސްވެރިކަން ކުރާނެ ފަރާތްތައް ވެސް ދަނީ މަދުވަމުންނެވެ.
ރާއްޖެއަކީ ޓޫރިޒަމް އިސްތިހާރުކުރުމަށް ބޮޑު ހަރަދެއް ކުރާ ގައުމެކެވެ. ނަމަވެސް މަސްވެރިކަން ކުރިއަރުވަން އެކަސީގެންވާ ހަރަދެއް އެއް ވެސް ސަރުކާރަކުން ނުކުރާކަމަށް މަސްވެރިން ބުނެއެވެ. ހދ އަތޮޅަކީ ޓޫރިޒަމްނެތް މަސްވެރިކަން ނެތް އަތޮޅެކެވެ. ރާއްޖޭގެ ދެކުނެކޭ އެއްގޮތައް އުތުރުގެ ރަށްތަކުގެ މަސްވެރިންނަށްވެސް ހަމަ އަގުގައި މަސް ކިރޭނެ ގޮތް ހަދައިދިނުމަށް ތިލަދުންމަތީގެ މަސްވެރިން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. ތިލަދުންމަތިން އައިސް އަޅައިގެން ތިލަދުންމަތިން މާސްބަނައިގެން ތިލަދުންމަތިން މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ތިލަދުންމަތީ އެތައް ޒުވާނުންނެއް އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!