ހއ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައިފިއެވެ.
މި ގޮތުން ކެލާ ކައުންސިލުން ކުރެއްވި ޢިިއުލާނެއްގައި ވިދާޅުވީ، އެ ރަށުން 33 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، އެ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
އެފަދަ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ކެލާ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅަން ޖެހެއެވެ.
ބަންޑާރަ ގޯއްޗަށް އެދޭ ފޯމް، ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނާއި، އެކައުންސިލް ފޭސްބުކް ޕޭޖް އަދި ކޮމިއުނިޓީ ވައިބަރ ގުރޫޕުން ލިބޭނެ ގޮތް އެ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
ކެލާއިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
- ދިވެހި ރައްޔިތެއް ކަމުގައި ވުމާއި 18 އަހަރު ފުރިފައިވުން،
- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ފްލެޓެއް އެމީހާގެ ނަންމަތީ ރަޖިސްޓްރީ ވެފައި ނެތުން،
- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނެތުން،
- ސަރުކާރުން ދޫކުރާ ފްލެޓެއް، ހައުސިންގ ޔުނިޓެއް، ގޯއްޗެއް އަދި އެންމެދު އިމާރާތަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލައިފައިވުން،
- ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއްލިބި އެގޯތި މީހަކަށް ހިބައިންދީ ނުވަތަ ވިއްކާފައިވާ ފަރާތެއްކަމުގައި ނުވުން،
ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ފޯމު ދޫކުރާ ތާރީޚުން ކަމަށް ކެލާ ކައުންސިލުން ވިދާޅުވެއެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުން ކަމަށް ކަނޑައަޅާފައިވާއިރު، އަދި ދެފަރާތެއް ނުވަތަ އެއްއަވުރެ ގިނަ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ ދެން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ކެލާ އިން ގޯތި ދޫކުރުމުގައި ބަލާނީ އެއްފަރާތަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ގޯތި ދޫކުރުމަށް ކަމަށާއި، އަދި ގޯތި ދޫކުރުމުގައި ޢަމަލުކުރާނީ ކެލާ ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ "ހއ. ކެލާއިން މީގެކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް ދިރިއުޅުމަށްޓަކައި އަލުން ދޫކުރުމާއިބެހޭ އުޞޫލު"އާއި އެއްގޮތަށް ކަމަށް ކެލާ ކައުންސިލްގެ ޢިއުލާންގައި ވިދާޅުވެފަވެއެވެ.
ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށް ކަމަށް ވެސް ކެލާ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!