ހދ. ނޭކުރެންދޫ ސްކޫލުގެ ދިވެހި ހަފްތާ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި އެވެ.

އެސުކޫލުގައި ދިވެހި ހަފުތާ ކުރިއަށްދިޔައީ މި މަހުގެ 21 ން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހި ހަފުތާ ފެށިގެން ދިޔައީ އެކަމަށްޓަކާ ސްކޫލުގައި ބޭއްވުނު ހާއްސަ އެސަންބުލީއަކުންނެވެ. މި ހަރަކާތްތަކުގައި ސްކޫލުގެ ފައުންޑޭޝަން އިން ފެށިގެން ގްރޭޑް 10 އަކާއި ދެމެދު ހުރިހާ ދަރިވަރުން ބައިވެރި ވެފައިވެ އެވެ.

Ad
rt

އެގޮތުން ދިވެހި ހަފްތާ ފާހަގަ ކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިންގެ އިހުގެ ދިރިއުޅުމާއި ކޮށްއުޅުނު މަސައްކަތް އަދި ކާބަފައިން ކުޅެއުޅުނު ތަފާތު ކުޅިވަރުތައް ދައްކުވައިދޭ ތަފާތު ސްޓޯލްތައް ދައްކާލުމާއި ކުލާސްތަކުގެ މެދުގައި ކުރިއަށް ގެންދެވުނު ޅެމާއި ރައިވަރު އަދި ބަނދި ކިޔުމުގެ އިތުރުން ހަބަރު ކިޔުން ހިމެނޭ ހަރަކާތްތަކެކެވެ.

މީގެ އިތުރުން ހައުސް ތަކުގެ މެދު ގައި ކުރިއަށް ގެންދެވުނު ބަހުސްމުބާރާތާއި ވާހަކަދެއްކުމުގެ މުބާރާތުގެ އިތުރުން ޑްރާމާ ކުޅުމުގެ މުބާރާތަކާއި ދަރިވަރުންނަށް އަވެލި ކޭން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިޔަދު ހެނދުނު އިންޓަވަލް ގަޑީގައި ދަރިވަރުންވަނީ އަވެލި ކޭން ކެއުމުގައި ބައިވެރިވެފައެވެ.

އެސުކޫލް ހިންގުމާއި ހަވާލުވެހުރި ހަސަން އަބްދުލް ރަޙްމާން ވިދާޅުވީ މި ހަރަކާތް ހިންގުމުގެ މަޤުސަދަކީ ދިވެހިބަސް ދިރުވާ އާލާކޮށް ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބިޖެއްސުމުގެ އިތުރުން ދިވެހިންގެ ސަޤާފަތާއި އާދަކާދަތައް ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށެވެ.

މިހަރަކާތްތައް ކުރިއަށް ގެންދެވިފައިވަނީ ދެ ޖިންސުގެ ބެލެނިވެރިންގެ ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމުގެ އިތުރުން ސްކޫލްގެ އެންމެހާ މުހައްޒަފުންގެވެސް ވަރަށް ފުރިހަމަ ބައިވެރިވުމާއެކުކަމަށާއި އެފަރާތްތަކަށް ނޭކުރެންދޫ ސުކޫލްގެ މެނޭޖްމެންޓް ޓީމްގެ ފަރާތުން ޝުކުރު އަދާކުރާކަމަށް ހަސަން އަބްދުލް ރަޙްމާން ވިދާޅުވި އެވެ.

ނޭކުރެންދޫ ސްކޫލަކީ 162 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ސްކޫލެކެވެ.