ހދ.ހަނިމާދޫގައި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން 22 ނޮވެމްބަރ 2021 ގައި އެ މަރުކަޒުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ހުރިހާ ބަލިމީހުން ވެސް އެ މަރުކަޒުން ކޯވިޑަށް ޓެސްޓް ކުރަމުން އަންނަކަމަށާއި، ކޯވިޑަށް ޓެސްޓް ކުރަމުން ގެންދާތީ ރޯގާޖެހި ނުވަތަ ހުންއައި ނަމަވެސް ބައެއްފަރާތްތަކުން ޑޮކްޓަރަށް ނުދައްކާކަން އެ މަރުކަޒަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފައި އޮތް ނަމަވެސް، ރަށުތެރޭގައި މާސްކް ނާޅާ އުޅޭމީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. ބަލިމަޑުކަމުން ރައްކާތެރިވުމަށް ފަރުވާތެރިކަމާއިއެކު މާސްކު އެޅުމަށާއި އެއްވެ އުޅުން މަދުކުރުމަށް ވެސް އެ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި އަދި ކޯވިޑް ޓެސްޓް ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވީ ނަމަވެސް ޤަވައިދުން ޑޮކްޓަރު ދޭ ބޭސް ބޭނުން ކުރުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށާއި، އަދި ރޯގާ މުޅިން ރަނގަޅު ނުވަނީސް ސްކޫލަށް ވެސް ނުދިއުމަށް އެ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެންމެންގެ ރައްކާތެރިކަމަށް ޓަކައި ބަލިމަޑުކަމުގެ ހާލަތުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް، އެކަންކަމަށް ފަރުވާތެރިވުމަށް ވެސް އެ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!