ނަޕޯލީ ބަލިކޮށް އިންޓައިން ފަރަގު ކުޑަކޮށްފި

photo_2021-11-22_13-25-28

އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ނަޕޯލީ ބައްދަލުކުރި މެޗު އިންޓައިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުނެނެވެ.

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ނަޕޯލީންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އިންސީނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޒިއެލިންސްކީއެވެ. ޒިއެލިންސްކީ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އިންޓަގެ އޭރިއާތެރޭހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގައި އިންޓައިން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ހަކާން ޗަޅޮނގުލޫ. އިންޓައަށް ޕެނަލްޓީ ލިބިފައި ވަނީ އެ ޓީމުން އުފެއްދި އެޓޭކެއް ހުއްޓުވުމަށް ނަޕޯލީގެ ޑިފެންޑަރ ކްލިބާލީ މަސައްކަތްކުރުމުގެ ތެރޭގައި ނަޕޯލީގެ އޭރިއާގެ ތެރެއިން އޭނާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓައިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 44 ވަނަ މިނެޓުގައި ޗަޅޮނގުލޫ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އިވާން ޕެރިސިޗެވެ.

އިންޓއިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ކޮރެއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާޓިނޭޒް ކާމިޔާބު ކޮށްދިންއިރު، ނަޕޯލީން ފަރަގު ކުޑަކޮށްފައި ވަނީ 79 ވަނަ މިނެޓުގައި މާޓިންސް ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ.

މެޗުގެ ފަހު ވަގުތު ނަޕޯލީން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މިގޮތުން ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ހުސް ދެ ފުރުބަތެއް ލިބުނު ނަމަވެސް އެ ޓީމަށް އެ ދެ ފުރުޞަތުގެ ވެސް ބޭނުން ކުރެވިފައި ނުވެއެވެ.

މި ނަތީޖާއާއިއެކު އިންޓަމިލާން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 13 މެޗުން 28 ޕޮއިންޓެވެ. އެއްވަނާގައި ނަޕޯލީ އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާއިއެކުއެވެ. ދެވަނާގައި އޮތް އޭސީ މިލާން ވަނީ އާދީއްތަ ދުވަހުގެ ރޭ ފިއޮރެންޓީނާއަތުން ބަލިވެފައެވެ. މި މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނަ ލިބެން އޮތްނަމަވެސް މިލާން ބަލިވުމުން އެ ޓީމް ދެވަނާގައި އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާއިއެކުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.