ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ.

އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ.

Ad
rt

ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ.

މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދިޔަ ލެބޯޓްރީގެ ޚިދުމަތާއިއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

މިގޮތުން މިވަގުތު ހެދެން ހުރި ޓެސްޓުތަކަށް ބަލާއިރު، ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަޙްލީލުގެ 4 ޓެސްޓް، ޗިސްމޭ ތަޙްލީލުގެ 6 ޓެސްޓް، ހިތުގެ ތަޙްލީލުގެ 4 ޓެސްޓް، ކުށީގެ ތަޙްލީލުގެ 1 ޓެސްޓް، އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ 4 ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަޙްލީލުގެ 11 ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ 3 ޓެސްޓް، ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓުގެ އިތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނޭ ގޮތަށް ޖުމްލަ 57 ޓެސްޓެއް ހެދޭނެއެވެ.

މީގެއިތުރުން، މި ފެށޭ ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚިދުމަތް ވެސް ފެށިގެންދާނެ ކަމަށް ކޭއާރުއެޗްއިން ވިދާޅުވިއެވެ.

މިކަމަށް ބޭއްވުނު ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކާގައި ސްޓޭޓް މިނިސްޓަރު އާދިލް ވިދާޅުވީ، ސަރުކާޒުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ޞިއްޙީ ޚިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްޤީކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށެވެ. މިގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް އޭނާ ވިދާޅުވިއެވެ.

އާދިލް ވަނީ މިފަދަ ޚިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފުސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް
ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު ދާއޫދު ވަނީ މި ޚިދުމަތް މިއަދު ފެށުމުގައި ހިއްސާވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި މި ޚިދުމަތުގެ ސަބަބުން ނޮޅިވަރަންފަރު ރައްޔިތުންގެ ޖީބަށް ލުއިވެ، ދަތުރު ކުރުމުގައި ކުރިމަތިވާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލެއްގައި ނުވަތު ޞިއްޙީ މަރުކަޒެއްގައި ވެސް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއްކަމަކީ، ބަލިވެގެން ނުވަތަ އެނޫން ޚިދުމަތެއް ހޯދަން އަންނަ ފަރާތެއްކަމުގައި ވިޔަސް، އޯގާތެރި ހިތްހެޔޮ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި، އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެއިން ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް ޚިދުމަތްތެރީންނަށް އޭނާ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ނޮޅިވަރަންފަރަކީ ހދ. ގެ 12 ރަށުގެ ތެރެއިން 4 ވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެރަށުގެ އާބާދީގައި 1850 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.