ޖަޒީރާ ތަރައްޤީ އާއިއެކު މާލެއަށް ހިޖުރަކުރަން ނުޖެހި، އުފަން ރަށުގައި ފަރުވާލިބި ދެމައިންނަށް އުފާވެރިކަން!

krh

އަތޮޅު ތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ބޭސް ފަރުވާއަށް މާލެ ދާން ޖެހުމެވެ. ދާއިމީކޮން ފައުވާއެއް ކުރަން ޖެހިފައިވާނަމަ މާލެ ހިޖުރަ ކުރާށެވެ.

ބޭސް ފަރުވާއަށް މާލެ ގޮސް ތަނެއް ކުއްޔަށް ހިފައިގެން ތިބެން ޖެހޭއިރު، ކައުމާއި ދަތުރުފަތުރުގެ ޚަރަދުކުރަން ޖެހޭ އިރު، ބޭސްފަރުވާއަށް އާސަންދަ ލިބުނަސް އޮންނަނީ ދެކޮޅު ނުޖެހިފައެވެ. ކަން މިހެން އޮތް އިރު ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ޞީއްޙީ ފަރުވާދޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްގީކޮށް އަދިވެސް އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތައް ކުރަމުންނެވެ.

އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރް.އެޗް) އަށް ބަލާއިރު ފާއިތުވި 3 އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މާލެ އަށް ނުގޮސް އަތޮޅުތަކުގެ ގިނަ މީހުންނަށް ރަށާއި ގާތުން ބޭސްފަރުވާ ކުރުމުގެ ފަސޭހަ ވަނީ ލިބިގެންގޮސްފައެވެ. ކުޅުދުށްފުށި ހޮސްޕިޓަލަށް އައިސްފައިވާ ތަރައްޤީއާއި އެކު އެ ހޮސްޕިޓަލުން ދެވޭ ޙިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުން ދަނީ އަބަދުވެސް ފާހަގަކުރަމުންނެވެ.

އެގޮތުން ބަލާއިރު ފާއިތުވި 2020 ވަނަ އަހަރު މާލެ ލޮކްޑައުން ކުރެވުމާއި އެކު ކޭ.އާރް.އެޗް އިން ޙިދުމަތް ހޯދާފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ވިހެއުމަށާއި ސިޒޭރިއަން ހެދުމަށްދާ މީހުންނާއި ބޮޑެތި އެކި އޮޕަރޭޝަންތައްވެސް ކާމިޔާބު ކަމާއި އެކު އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އަލަށް ދެމުން އަންނަ ޙިދުމަތްތަކަށް ބަލާއިރު، ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށްވެސް މިހާރު ކޭ.އާރް.އެޗްގައި އަންނަނީ ތެރަޕީތައް ދެމުންނެވެ. ކުޅުދުއްފުށި ސިޓީގެ އިތުރުން ކައިރި ރަށްތަކާއި އެހެން އަތޮޅުތަކުގެ މީހުންވެސް އެރަށަށް ދަތުރުކޮށް ތެރަޕީ ނަގާކަމަށް ހޮސްޕިޓަލާއި ބައެއް ބެލެނިވެރިންވެސް ވަނީ ހާމަކޮށްފައެވެ.

އާންމު ގޮތެއްގައި ކުއްޖާގެ އުމުރުން 1 އަހަރުގައި އެކި ބަސްބަސް ކިޔައި ވާހަކަ ދައްކަން ފަށާއިރު ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ގިނަ ކުދިންތަކަކަށް ކޭ.އާރް.އެޗެގައި އަންނަނީ ފަރުވާދެމުންނެވެ.

ކޭ.އާރް.އެޗްގެ ސްޕީޗް ތެރަޕީ ޑިޕާޓްމެންޓްއިން ފަރުވާ ހޯދަމުން އަންނަ ކުއްޖެއްގެ ބެލެނިވެރިއެއް ކަމުގައިވާ ޒާހިރާ މުހައްމަދު ހާމަކޮށްފައިވާ ގޮތުގައި ވެރިރަށް މާލެ ދާން ނުޖެހި ކޭ.އާރް.އެޗް މި ފަރުވާ ލިބޭތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް ބުނެފައިވެއެވެ.

ވާހަކަ ނުދައްކައިގެން ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކުމުން ސްޕީޗް ތެރަޕީ ނެގުމަށް ބުނެފައިވުމާއި އެކު މާލެ ދާން ނިންމައި، މާލެ ދިއުމުގެ ކުރިން ކޭ.އާރް.އެޗްއަށް ސްޕީޗް ތެރަޕިސްޓްއެއް އަންނަ ޚަބަރު ލިބުމާއި އެކު މާލެ ދިއުން ކެންސަލްކޮށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ޗެކަޕް ހަދައި ފަރުވާ ދޭން ފެށުމާއި އެކު އޭނާގެ ދަރިފުޅު މިހާރު ވާހަކަ ދައްކަން ފަށާފައިވާކަމަށް ބެލެނިވެރިޔާ ވަނީ ހާމަކޮށްފައެވެ.

"ރަށުގަ މިފަރުވާ ލިބެން ނެތް ނަމަ އަޅުގަނޑަށް ޖެހުނީ މާލެގޮސް ވަކިމުއްދަތެއް ނެތްގޮތަށް ހުންނަން، މާލެ ގޮސްފި ނަމަ ހަރަދުވެސް ބޮޑުވާނެ، އެގޮތައް ވިސްނާފަ އަޅުގަނޑަށް ރަނގަޅީ ރަށުގަ މިކަން މިގޮތައް ކުރިއަށް ގެންދިއުން، ދަރިފުޅު ރިކަވަރ ވާން ފެށުމުން ވަރަށް އުފާވި"

ޒާހިރާ މުހައްމަދު ބުނެފައިވެއެވެ.

ކޭ.އާރް.އެޗް އިން 150 އަށްވުރެ ގިނަ ކުދިންނަށް ސްޕީޗް ތެރަޕީދީ، ކުދިންގެ އުޅުމާއި ވާހަކަދެއްކުން ކާމިޔާބުކަމާއި އެކު ރަނގަޅުވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ވެސް ވަނީ ހާމަކޮށްފައެވެ.

މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލަށްވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް ނޫން ގޮތަކަށް ވެރިރަށް މާލެއަށް ދަތުރުކުރާ މީހުން މިއާއި އެކުވަނީ މަދުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި