ގްރޭޑް 10 ނިމުމުން ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް އިލްތިމާސްކުރަށްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުން ޙާޞިލްކުރީ އެތައް އަހަރެއްގެ ބުރަ މަސައްކަތުގެ ފޮނި މޭވާކަމަށް ވިދާޅުވެފައެވެ.
މިރޭ ވަނަތައް ހާސިލްކުރި ދަރިވަރުންގެ އުންމީދަކަށް މިހާރު އޮންނާނީ، ޘާނަވީގައި ލިބުނު ކާމިޔާބަށްވުރެ މާ ފުރިހަމަ ކާމިޔާބެއް، މަތީ ޘާނަވީގައި ހޯދުންކަމަށާއި، އެއީ ދިވެހި ޤައުމުވެސް އެ ދަރިވަރުންގެ ކިބައިންކުރާ އުންމީދު ކަމަށް ވެސް ރައީސް ވިދާޅުވެފައެވެ.
"މިރޭ އިނާމު ޙާޞިލްކުރާ ކުދިންގެ ނަތީޖާއަށް ބަލާއިރު، އެކަން ޙާޞިލް ނުކުރެވޭނެ ހަމަ އެންމެ ދަރިވަރަކުވެސް މިތަނަކު ނެތް. މި ކުދިންގެ ތެރޭގައި، މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރުން އެބަތިބި. ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރަކު އެބަތިބި. ތިޔައީ ވިސްނުން ތޫނު މޮޅު ކުދިން." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ޘާނަވީ އިމްތިހާން ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ޘާނަވީ އިމްތިޙާން ނިންމާ ކުދިންގެ ތެރެއިން، މަތީ ޘާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވާ މައްސަލައަކީ ފާހަގަކުރެވިފައިވާ މައްސަލައެއްކަމަށް ވިދާޅުވެފައެވެ.
މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ޘާނަވީ އިމްތިޙާން ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން ކަމަށާއި، އޭގެ ތެރެއިން، މަތީ ޘާނަވީއަށް ވަންނަނީ އެވްރެޖްކޮށް އަހަރަކު 2040 ކުދިންކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެއީ ޘާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް ކަމަށާއި، މީގެ މާނައަކީ، ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ޘާނަވީ ހަދަން ބޭނުންނުވާކަން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަނި ނޫންކަމަށެވެ. އަދި އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް ކަމަށާއި، އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރާ ތަނެއް ނޫންކަމަށާއި، ޤައުމު ތަރައްޤީ ވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެންކަމަށް ފާހަގަކުރައްވަމުން، ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!