ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ، އެ ބަލިމަޑުކަން ތަހަންމަލް ކުރަން ޖެހިފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ.

އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިންވެފައިވާއިރު، އެ ވަޒީފާއިން ލިބޭ އާމްދަނީން އަނބިދަރިންގެ ޚަރަދު ބަލަހައްޓައި އޭނާ އައީ ފުދުންތެރި ދިރިއުޅުމެއް އުޅެމުންނެވެ.

Ad
rt

ނަމަވެސް މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ދެ ކިޑްނީ ފެއިލްވެ އެކަމަށް ފަރުވާކުރަން ޖެހުމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ހާލަތު މިހާރުވަނީ ހުރިހާ ގޮތަކުން ވެސް ދަތި އުނދަގޫ ހާލަތަކަށް ބަދަލުވެގެން ގޮސްފައެވެ.

ފާއިތުވި ދޮޅު އަހަރުގެ ހާލަތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން މަނިކުގެ ދޮށީ ދަރިފުޅު މޫސާ ވަޖުދީ ބުނެފައި ވަނީ ފާއިތުވި ދޮޅު އަހަރަކީ ތަފާތު ބޮޑެތި ތަކުލީފުތަކުން ފުރިފައިވާ ދުވަސްތަކެއް ކަމަށެވެ. ބައްޕަ ދިރިހުރުމަށް ހަފްތާއަކު ތިން ފަހަރު ޑައިލިސިސް ހަދަންޖެހޭއިރު އެ ޚިދުމަތަކީ ރަށުން (ހަނިމާދޫ) ލިބޭ ޚިދުމަތެއް ނޫން ކަމަށެވެ. ވުމާއެކު ޑައިލިސިސް ހެދުމަށްޓަކައި ހަފްތާއަކު ތިންފަހަރު ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަން ޖެހޭ ކަމަށެވެ.

މޫސުން ގޯސްވެ ފެރީގެ ނިޒާމަށް ބުރޫއަރާ ކޮންމެ ފަހަރަކީ އެ ދަތުރުތަކަށް އިންތިހާއަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ހާލަތެކެވެ. ބޮޑުއަގުދީގެން ލޯންޗް ހިފައިގެން ހަފްތާއަކުން ތިންފަހަރު ދަތުރު ކުރަން ޖެހުމަކީ އާއިލާގެ މާލީ ހާލަތަށް ބޮޑު އަސަރެއް ކުރާ ކަމެއްގެ ގޮތުގައި ވަޖުދީ ވަނީ ފާހަގަ ކޮށްފައެވެ.

"މޫސުން ގޯސްވެ ކަނޑުގަދަވެ ދަތުރު ނުކުރެވޭ ހާލަތަށް ދިޔަޔަސް ބޮޑެތި އަގުދީގެން ލޯންޗް ހިފައިގެން ދަތުރު ކުރުން ނޫން ގޮތެއް ނޯވޭ، ބައްޕަގެ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ އެ ދަތުރު އެބަ ކުރަންޖެހޭ"

ވަޖުދީ އިތުރަށް ބުނެފައި ވަނީ މިހާރު އާއިލާގެ ތެރެއިން ކިޑްނީއެއްގެ ކަންތައް ހަމަޖެހިފައިވާ ކަމަށެވެ. ވުމާއެކު ބޭނުންވަނީ ބައްޕަގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ވީ އެންމެ އަވަހަކަށް ކުރަން ކަމަށެވެ.

އެ އާއިލާއިން މަނިކުގެ ކިޑްނީ ޓްރާންސްޕްލާން ކުރުމުގެ އޮޕަރޭޝަނަށް އިންޑިއާއަށް ފުރުމަށް ތައްޔާރަށް ތިބި ނަމަވެސް އެކަމަށް ހުރަސްއަޅަނީ މާލީ ދަތިކަމެވެ. ވުމާއެކު އެ އާއިލާއިން އެދެނީ ކޮންމެ ބޭފުޅަކަސް ވެސް ވެވެން އޮތް އެހީތެރިކަމެއް އެ އާއިލާއަށް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

މޫސާ ވަޖުދީ - (މުހައްމަދު މޫސާގެ ދަރިފުޅު)

ފޯންނަމްބަރ: 7935532

ރުފިޔާ އެކައުންޓް ނަމްބަރ: 7704275363101

އެކައުންޓް ނަން: MOOSA WAJUDHEE

ޑޮލަރު އެކައުންޓް ނަމްބަރ: 7730000208006