ކުޅުދުއްފުށީ ސިޓީ ކުނިގޮނޑު ހުސްކުރުމުގައި ހެވީ ވެހިކަލްތައް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާތީ، ކުނި ގޮނޑު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.
މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ގައި ވަނީ ކުނި އުކާލުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް އެސަރަޙައްދަށް ގޮސް އުޅުމަކީ މަނާ ކަމެއް އަންގާފައެވެ.
ކުނި އުކާލަން ވަންނަ ފަރާތްތަކުން ވެސް އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކާއި މަގުތައް ބޭނުންކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ގަވާއިދާއި ޚިލާފަށް އެސަރަހައްދަށް ގޮސް އުޅުމުގެ ތެރޭގައި ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކައުންސިލްއިން ޒިންމާ ނުވާނެ ކަމަށް ކުޅުދުއްފުށި ކައުންސިލުން ވަނީ ހަނދުމަކޮށްދެއްވާފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބިގެންދާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެހީތެރިކަމާއެކުގަ އެވެ. މީގެ ކުރިން ވެސް އެކިފަހަރުމަތިން ވެމްކޯގެ އެހީތެރިކަމާއެކު އެ ކުނިކޮށި ސާފުކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!