މަހަށް ނުކުމެއުޅުނު ހދ. ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ ބަނޑުން ޖަހާލާފައި ވަނީ ނޮޅިވަރަމާއި، ނޮޅިވަރަންފަރާއި ދެރަށް ދޭތެރެއަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއް ކަމަށެވެ.

Ad
rt

ޑިންގީ ބަންޑުން ޖަހާލަން މެދުވެރިވީ އައި ވިލާގަނޑެއްގައި ޖެހި، ޑިންގީއަށް ރާޅެއް އަރައިގެންނެވެ.

މި ހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

"ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނިފައި ވަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ ޑިންގީއެއް ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށެވެ." އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މިހާދިސާގައި ބަންޑުން ހަހާލި ޑިންގީގައި ތިބި ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ވަނީ ވަގުތުން މިހާދިސާއަށް އެޓެންޑްވެ ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ. އަދި އެނބުރި ޑިންގީ އޮތް ސަރަހަށްދަށް ގޮސް ޑިންގީ ވަނީ ފުށުން ޖަހާފައެވެ.

އެމްއެންޑީއެފް ގަލްފް ކްރާފްޓް ލޯންގައި ޑިންގީ ކަފުޖަހައިގެން މި ޑިންގީ ނޮޅިވަރަމަށް ގެންގޮސްދީފައި ވަނީ މިއަދު 17:15 ހާއިރުއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކޮށްފަ އެވެ.

ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ދަންނަވާފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދެއެވެ.