ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ ކަމަށްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރެއިންވެސް، އަލުން އަނބުރާ މަންޒިލް ހޯދާ ބަޔަކީ، ދިވެހި ލޮބުވެތި ރައްޔިތުން ކަމަށެވެ.

ފާއިތުވި ތިން އަހަރު، ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރަންޖެހުނު ވަކި ޚާއްޞަ ކަންތައްތަކެއް ހުރި ކަމަށާއި، އެއީ ޑިމޮކްރަސީ އިޢާދަކޮށް ހިފެހެއްޓުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ. އެއީ ވަކިވެގަތުމާއި، ބައިބައިވެ، މުޖުތަމަޢު ރޫޅިދިޔުން ނޫންކަން، ލޯތަކަށް ފެންނަންޖެހޭ. ޑިމޮކްރަސީއަކީ މައިނޯރިޓީއާ، އެކަހެރިން ދުރުގައި އޮތް ގާމަތީރަށްވެސް، ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ، އެތައް އަހަރެއް. އަޅުގަނޑުމެންނަށް އަލަކަސް، ދުނިޔެއަށް އެ ފިލާވަޅު ދަސްވެ ބާވެއްޖެ." ރައީސް ވިދާޅުވިއެވެ.

ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން ކަމަށާއި، ނުރުހޭ އެތައް ކަމަކާއި، އަހަން ބޭނުންނުވާ އެތައް އަޑަކާއި، ދެކެން ބޭނުންނުވާ އެތައް މަންޒަރެއް، އަބަދުވެސް މުޖުތަމަޢުގައި ހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ، އެ ހުރިހާ ބައިތައް ހިމެނިގެން ކަމަށާއި، ގަދައަޅައި ހިފަހައްޓަންޖެހެނީ، ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައް ކަމަށެވެ.

އެ ބަހާތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚާއި އާދަކާދައާއި، ބަހާއި ސަގާފަތް ކަމަށާއި، އަދި އެއީ ހުރަސްނުކުރެވޭނެ ރޮނގު ކަމަށާއި، އެއީ ދޫނުދެވޭނެ ތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.