ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ.

މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

Ad
rt

ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓާއި ބެހޭގޮތުންނާއި، ކޮމަންޑޫ މަސްވެރިންނަށް ކަނދު ފައްޗެއް އެޅުމާއި ބެހޭގޮތުންނާއި ސްޕޯޓްސް ކަނދު ފައްޗެއް އެޅުމާއި ބެހޭގޮތުން ވާހަކަދެކެވިފައިވާ ކަމަށް ކޮމަންޑޫ ކައުންސިލުން ވިދާޅުވެއެވެ.

މީގެއިތުރުން ކޮމަންޑޫގެ ދަނޑުވެރިންނަށް ދަނޑުވެރިކަމާބެހޭ ތަމްރީން ދިނުމާއި ބެހޭގޮތުންނާއި އަދި މަތިކޮމަންޑޫގައި ދަނޑުވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކޮމަންޑޫ ކައުންސިލުން ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓަރާއި ބައްދަލުކޮށް، އެ ދާއިރާއިން އެރަށަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާ ހިންގިއިރު މި ދުވަސް ވަރަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ވެސް ރައްޔިތުންގެ މަޖިލިސްގެ ތެރޭގައި ހިންގަމުންދާ ދުވަސްވަރެވެ.

މިހާރު ބަޖެޓް އޮތްގޮތުން އަންނަ އަހަރު ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކޮމަންޑޫގައި އަލަށް ހިންގަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އަދި ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއާއި ގުޅުންހުރި މަޝްރޫޢުއެއް ނެތެވެ.

ނަމަވެސް އަންނަ އަހަރަށް ޕީއެސްއައިޕީގެ ގޮތުގައި އަލަށް 3 މަޝްރޫއެއް އެރަށުގައި ފަށަން ބަޖެޓް ކޮށްފަ ވެއެވެ. އެއީ ކޮމަންޑޫ ސްކޫލް އަޕްގްރޭޑް ކުރުމާއި، ކޮމަންޑޫ ޕޮލިސް ސްޓޭޝަން ޤާއިމުކުރުމާއި، ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމް ކުރުމެވެ.

މީގެއިތުރަށް ކޮމަންޑޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،546،952 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.