ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން، ވައިކަރަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކަނޑަން ފަހަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ސެޓްފިކެޓް ލެވެލް 01 ގެ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު 04 ނޮވެމްބަރ 2021 ގައި ހުޅުވާލާފައިވާއިރު މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ 20 ނޮވެމްބަރ 2021 ގައެވެ.
މި ކޯހުގައި އެއް ގޮތަކަށް ފަހަން ނޭނގޭ ފަރާތްތަކަށް ވެސް ބައިވެރި ވެވޭނެއެވެ. ކޯސް ނިމޭއިރު ގައިން މިންނަގައިގެން ފޮތިގަނޑުގައި މިންޖަހައިގެން ކަނޑަން ދަސްކޮށްދިނުމުގެ އިތުރުން އެންމެ އާދައިގެ ހެދުމުން ފެށިގެން ގޮސް ގަމީހާއި ފަޓްލޫން ވެސް ކަނޑައިގެން ރަނގަޅަށް ފަހަން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޯހުގެ ބައިވެރިންގެ އަދަދު 30 ކުދިންނައް ވުރެ ދަށުން ކޯސް ހިންގަން ޖެހިއްޖެނަމަ 2000.00 (ދެހާސް ރުފިޔާ) ގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 20 ބައިވެރިންނަށް ވުރެ އިތުރަށް ލިބިއްޖެނަމައެވެ. 30 ބައިވެރިން ނުވަތަ 35 ބައިވެރިން ލިބިއްޖެނަމަ ކޯހުގެ ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1700.00 (ސަތާރަސަތޭކް ރުފިޔާ) އެވެ. ކޯހުގައި ގިނަވެގެން ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 40 ބައިވެރިންނެވެ. ކޯހުގައި ބޭނުން ކުރާ ފަހާފޮއްޓާއި ފޮތި ފަދަ ސާމާނު ކޯސް ހިންގާ ފަރާތުން ބައިވެރިންނށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހުގެ ކިޔެވުން ބަންދު ނޫން ކޮންމެ ދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހެއްގެ ސެޝަން ދޮޅުގަޑިއިރު ނުވަތަ ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސް ފުރިހަމަކުރާ ފަރާތްތަކުގެ ފެންވަރު ބަލައި ވަނަ ހޮވުމާއި އަދި ކޯހުގެ ބައިވެރިންގެ ތަކެތި ދައްކާލުމުގެ ހަރަކާތެއް ބޭއްވުމުގެ އިތުރުން ކޯސް ފުރިހަމަކުރާ ބައިވެރިންގެ ފެހުންތައް ހިމެނޭ ފެޝަން ޝޯވްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސް 12 ނުވަތަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވުމަށް ނަންނޯޓް ކުރުމައް ހުޅުވާލާފައިވަނީ މި ހިނގާ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރި ވުމަށް ނަންނޯޓް ކުރެއްވުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ތިރީގައި ބަޔާން ކުރެވިފައިވާ ނަމްބަރުތަކަށެވެ.
9139222، 9138222 9814545
ޓޮޕްސީ ޓްރެއިންން ސެންޓަރަކީ ފެހުމާއި މާޖެހުމާއި ކޭކް އެޅުމާއި ކްރާފްޓްގެ މަސައްކަތާއި، ކެއްކުމުގެ މަސައްކަތްތައް ފަދަ އެތައްއެތައް މަސައްކަތްތަކެއް ދަސްކޮށްދިނުމުގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. 1997 ވަނަ އަހަރު ރަޖިށްޓަރީކޮށް ފާއިތުވި 24 އަހަރު މެދުކެނޑުމެއްނެތި އެކިއެކި ފަންނު ތަކުން މީހުން ބިނާކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ އިން މިހާތަނަށް ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކުގައި މިފަދަ ކޯސްތައް ހިންގައި 18000 އަށް ވުރެ ގިނަ މީހުން ވަނީ ތަމްރީން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!