އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓިގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއްކަމަށެވެ.

Ad
rt

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި އެކަން ވެގެންދާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއްކަމަށާއި، އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމާ އެހެންނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމުގައި މިނިސްޓަރުގެ ވާހަކާގައި ވަނީ ފާހަގަ ކުރަށްވާފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ދުނިޔަވީ ފަލްސަފާތަކަށް ވިސްނާލާއިރު އިލްމުވެރިން މާނަ ކުރައްވަނީ އެންމެ ހެޔޮ މުޖުތަމައަކީ އެ މުޖުތަމައުގެ އަހުލުވެރިންނަކީ ﷲ ތަޢާލާގެ ދީނަށް ހުރުމަތްތެރި ކޮށްހިތައި ސުލްހަވެރިކަމާއި ސަލާމަތާއި އެކުވެރިކަމާއި ބަދަހިކަމާކު މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމާ ގަދަރުކޮށް އަޅާލުމާއި އޯގާވެރިކަން އިސްކޮށް ބޮޑެތި އަދި ކުދި ކުށްތަކުން ސަލާމަތްވެފައިވާ މުޖުތަމައުކަމުގައި ކަމަށެވެ.

އެފަދަ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމާއި މަސްއޫލިއްޔަތެއްކަމުގައި މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.