ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުއްފުށީ ސިޓީގެ މޭޔަރާއި، އެ ކައުންސިލްގެ މެމްބަރުންނާއި، އެ ސިޓީގައ ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތުގައި ސީޕީ މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމުގައި ވަނީ ފާހަގަކުރަށްވާފައެވެ.
އެ ބަދަލަކީ ފުލުހުންނަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުއަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ވަނީ ފާހަގަކުރަށްވާފައެވެ.
މިގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ސީޕީ ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަށް ކުޅުދުއްފުށި ސިޓީގައި ފެށިގެންދާ މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއްކަމުގައި ފާހަގަކުރެއްވިއެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި ދުނިޔެ ދުއް ކޯވިޑް 19 އިގެ ބަލިމަޑުކަމާއެކު ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށް ތަޖުރިބާ ކޮށްފައި ކަމުގައި ފާހަގަކުރައްވައި، އަދި ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ރައްޔިތުންވެސް ވަނީ ދިވެހިންގެ ހުރި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ލާމަސީލު މިސާލު ދައްކުވައިދީފައި ކަމުގައި ސީޕީ ވިދާޅުވެފަވެއެވެ.
ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ދިވެހި ރާއްޖެއަށް، ހާއްސަކޮށް ކުޅުއްފުށި ސިޓީއާއި ސަރަހައްދުގެ އެހެން ރަށްރަށަށްވެސް ދިމާވެފައިވާ ކުށުގެ ނުރައްކާތަކުން އަރައިގަނެވޭނެ ކަމުގައި ވެސް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭގައި ފެށިއިރު އިއްޔެ ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވާފައެވެ.
ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅު ފެއްޓެވީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގައި ވަނީ ޕޮލިސް ޑެސްކު ހުޅުވައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!