ހަނިމާދޫގައި އަލަށް އިމާރާތްކުރާ ހިނަވާގޭގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ހދ. އަތޮޅު ކައުންސިލާއި، ހދ. ހަނިމާދޫ ކައުންސިލް ގުޅިގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ހިނަވާގޭގެ ބިންގާ އަޅުއްވައިދެއްވީ ހަނިމާދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް ޢަލީ އާއި ހަނިމާދޫ ކައުންސިލުގެ ރައީސް އަބުދުއްސަލާމް ޢަލީއެވެ.

Ad
rt

ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި، ހދ. ހަނިމާދޫ ކައުންސިލުގެ މެންބަރުންނާއި، މުވައްޒަފުންނާއި އަދި ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި މިރަސްމިއްޔާތުގައި އިމާރާތް ބިންގާ އަޅުއްވާ ދެއްވުމަށްފަހު ހދ. އަތޮޅު ކައުންސިލުގެ ރައީސް ދެއްކެވި ވާހަކާގައި، ހަނިމާދޫގައި ހދ. އަތޮޅު ކައުންސިލު ބައިވެރިވުމާއެކު ހިންގުމަށް މިނިންމުނު ހިނަވާގެއެއް އިމާރާތްކުރުމުގެ މަޝްރޫޢުއަކީ ހދ. އަތޮޅު ކައުންސިލުން ހދ. އަތޮޅުގެ މީހުންއުޅޭ ކޮންމެ ރަށެއްގައިވެސް ކައުންސިލުގެ މިހިނގާ ދައުރުގައި ފެންނަން ހުންނަ ކޮންމެސްކަހަލަ މަޝްރޫޢުއެއް ހިންގުމުގެ މަޤްޞަދުގައި ފެށި މަޝްރޫޢު ތަކުގެ ތެރެއިން މަޝްރޫޢެއް ކަމަށެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށެއްގައި މިހާރު މިފަދަ މަޝްރޫޢޫތައް ފެށިފައިވާކަމަށާއި، މިފެށުނު މަޝްރޫޢުއަކީ މިއަހަރުގެ 3 ވަނަ މަޝްރޫޢުކަމަށް ވިދާޅުވިއެވެ. އަދި ހދ. އަތޮޅު ކައުންސިލުން ބޭނުންވަނީ އެއްވެސްރަށެއް ތަފާތުކުރުމެއްނެތި ޚިދުމަތްދިނުންކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލުގެ ރައީސް ދެއްކެވި ވާހަކާގައި ވިދާޅުވީ ހަނިމާދޫގައި އަލަށް ހިނަވާގެއެއް އިމާރާތްކުރަން ނިންމީ މިހާރު ހުރި ހިނަވާގެއަކީ ޒަމާނީ ހިނަވާގެއަކަށް ނުވުމާއި، ހިނަވާގެ ހުންނަނީ ސަހަރާގައި ކަމަށްވުމުން ނިޔާވާމީހުން ސިއްޚީމަރުކަޒުން ސަހަރާގައި ހުންނަ ހިނަވާގެޔަށްގެންގޮސް ހިންވައިގެން ކަށުނަމާދުކުރަން ގެންދަންޖެހެނީ ކޮންމެސް މިސްކިތަކަށް ކަމަށްވާތީ، އެކަމަކީ ތަކުލީފަކަށްވާތީ ރަށުގައި ހުރި އެންމެ ބޮޑު މިސްކިތް މަސްޖިދުލް މޫސާ އަލީގެ ގޯތިތެރޭގައި ހިނަވާގެ އެޅުމުން ސީދާ ހިނަވާގެއަށް ނިޔާވާ މައްޔިތާގެނެސް އިތުރު ތަކުލީފެއްނެތި މިސްކިތަށް ކަށުނަމާދުކުރަން އެރުވޭގޮތްވުމީ، ކުރިންކުރަން ޖެހޭ ދަތުރުތައް މަދުވެ، ލިބިދެވޭނެ ފަސޭހައަކަށްވާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މިހިނަވާގެ އެޅުމަށް އަތޮޅު ކައުންސިލުން 175،000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މިއިމާރާތް އެޅުމަށް ހަނިމާދޫ ކައުންސިލުން ޚަރަދުކުރާ 182،432 (އެއްލައްކަ އައްޑިހަ ދެހާސް ހަތަރުސަތޭކަ ބައްތިރީސް) ރުފިޔާއާއިއެކު މި އިމާރާތް އެޅުމަށް ޖުމްލަ 357،432 ރުފިޔާ ޚަރަދުވާނެ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. މިމަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވަނީ ހަނިމާދޫގެ ކުންފުނަޏެއްކަމަށްވާ ބީ ތުރީ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.