ހދ.ހަނިމާދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގައި ދަނޑުވެރިކަމުގެ ކޯހެއް ހިންގަން ނިންމައި ބައިވެރިން ހޯދަން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން 02 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެ ކައުންސިލާއި އެ ރަށުގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ގުޅިގެން ދަނޑުވެރިކަމުގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މި ހިނގާ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެ ކައުންސިލް މެމްބަރު ހާރިސާ މުޙައްމަދު، ފޯން 7676480 އަށް ގުޅުއްވައި ނަންނޯޓް ކުރެއްވުމަށްޓަކައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑް ނަމްބަރުގެ އިތުރުން އުމުރާއި ފޯން ނަމްބަރު ފޮނުވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ކޯހާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލް މެމްބަރު ހާރިސާ މުޙައްމަދު ވިދާޅުވެފައިވަނީ މި ކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ވީހާވެސް ގިނަ ފަރާތްތައް ބައިވެރި ވުމަކީ ކައުންސިލްގެ އެދުމެއްކަމަށް ވެސް ހާރިސާ ވަނީ ވިދާޅުވެފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ހަނިމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް ނޮދަން އޭރިޔާގެ ހެޑްކުއާޓާ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ހަނިމާދޫގެ ދަނޑުބިންތައް ހިމެނޭތީވެ މި އަހަރުގެ ޖުލައިމަހު ހަނިމާދޫ ކައުންސިލުން ވަނީ އެތަނުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން އެ ބިންތައް 31 އޯގަސްޓް 2021 ގެ ނިޔަލަށް ހުސްކޮށް ނިންމުމަށް އަންގާފައެވެ. ވުމާއެ އެ ތާރީޚުން ފަށައިގެން އެ ބިންތައް ކައުންސިލަށް ނަގާފައިވާއިރު އޭގެ ފަހުން ހަނިމާދޫގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ކައުންސިލުން ބިން ދޫކޮށްފައި ނުވެއެވެ.