ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް، ކުޅުދުއްފުށި ސިޓީ އަލްފާ، އިބްރާޙީމް ޢުމަރު އައްޔަނުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ފަރާތެއް އިއްޔެ އައްޔަނުކޮށްފައެވެ.

Ad
rt

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަނުކުރެއްވި އިބްރާޙީމް ޢުމަރަކީ މީގެކުރިން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އިދާރީ އިސްމާގެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސީއެސްސީން އިއްޔެ ވަނީ ސިޓީ ކައުންސިލެއްގެ އިތުރުން 4 އަތޮޅު ކައުންސިލް އަދި 29 ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަނުކޮށްފައެވެ.

އެ އިދާރާއިން ވިދާޅުވާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޮވުމުގެ ޕްރޮސެސް ނިމި، މީހުން އައްޔަނު ނުކުރެވި ހުރި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކޮމިޝަނުން މީހުން އައްޔަނުކުރަމުން ގެންދާނެއެވެ.

އެކިއެކި ސަބަބުތަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިޢުލާނުކުރެވުނު 75 ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާ މިހާރުވެސް ކުރިޔަށް އެބަދެއެވެ.

ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް ކުރިމަތިލުމަށް 20 ޖޫން 2021 ގައި ސީއެސްސީން ޢާންމުކޮށް ހުޅުވާލުމުން، އެ މަގާމުތަކަށް 511 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.