މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ.
އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ.
މި ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުން އެމްއެންޕީގެ ޓީމް މިހާރު ތިބީ ކުޅުދުއްފުށީ ސިޓީގައެވެ.
އެމްއެންޕީގެ ސްޕޯކްޕާސަން އަޝްރާ އަޙްމަދު ކުޅުދުއްފުށީ ސިޓީގައި ހުންނަވައި، ''ތިލަދުން"އަށް ވިދާޅުވީ، އެ ޕާޓީން ތިލަދުންމަތީގެ 3 ރަށަށް ކުރާ ދަތުރުގެ އެންމެ ބޮޑު މަޤްޞަދަކީ، ނަސްރުގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ޖަލްސާއެއް ބޭއްވުން ކަމަށެވެ. މީގެއިތުރުން އެ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް، އެހެނިހެން ރައްޔިތުންނާއިވެސް ބައްދަލުވެ ގާތުން މަސައްކަތް ކުރުމަކީ ވެސް މަޤްޞަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިޕާޓީއަކީ ރަށްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ ޕާޓީއެއް، އެ ގޮތުން މިއައީ މި ރަށްރަށުގެ ރައްޔިތުންގެ ގާތަށް، ދެން މިރޭ އޮންނާނެ ނަސްރުގެ ދުވަހާގުޅުވައިގެން މިރަށުގައި ބާއްވާ ޖަލްސާ، ޖަލްސާ ފެށޭނީ މިރޭ 9 ޖަހާއިރު" އަޝްރާ ވިދާޅުވިއެވެ.
މިރޭ އެ ޕާޓީން ބާއްވާ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ވެބްސައިޓް ވެސް ރަސްމީކޮށް ލޯންޗް ކުރާނެކަމަށް އަޝްރާ ވިދާޅުވިއެވެ.
މި ދަތުރުގެ އެ ޕާޓީގެ ތިންވަނަ މަންޒިލަކަށް މާދަމާ ދަތުރު ކުރާނީ ހއ. ދިއްދޫއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!