ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ، ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ވެސް ގްލަސްގޯއަށް ދަތުރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް އެ ވަފްދުގައި ހިމެނިވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށްލިބޭ އަގުހުރި ފުރުޞަތެކެވެ.
ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އޮންނަ ތިމާވެށްޓާގުޅޭ ކޮޕް26 ބައްދަލުވުމުގައި ރައީސް ޞާލިޙް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެ ކުރިން ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކްލައިމެޓް ޗޭންގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވަނީ މީގެ 12 އަހަރު ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!