ލޯކަލް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް އަންނަ އަހަރަށް ލާފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ވަނީ ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައެވެ. މި ބަޖެޓް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރެވެ.
ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓު ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސީ މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުއެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުވެސް ވަނީ ގެނެސްފައެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ އަންނަ އަހަރު ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޫކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކައުންސިލްތަކަށް ދިނުމަށް ހިމަނާފައިވާ ހިލޭ އެހީއަށް އިޝާރާތްކޮށް ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުން މިއީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުކޮށްދިނުމަށް މަގުފަހިކޮށްދީ، މާލީ މިނިވަންކަން ކައުންސިލްތަކަށް ލިއްބައިދިން ތާރީހީ ބަދަލެކެވެ.
ލާމަރުކަޒީ އިސްލާހުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ ބަޖެޓާ އެކު އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!