ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް "ޖޭ ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކަޑަމީ އިފްތިތާޙް ކޮށްފިއެވެ.
މި އެކަޑަމީ އިފްތިތާޙް ކުރުމުގެ ޚަފްލާ 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު މި ޚަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ.
މި ޚަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުގެ އިތުރުން އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ލައްވާފައެވެ.
މި ޚަފްލާގެ ޝަރަފްވެރި މެހެމާން އައްސަދު އަބްދުލްޣަނީ މި ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އޭނާއަށް ކުޅިވަރުން ދަސްވި ކަންތައްތަކުގެ ތެރޭގައި ވަގުތައް ކަމޭހިތުން ހިމެނޭ ކަމަށެވެ. މީގެއިތުރުން ކާމިޔާބާއި ހިސާބަށް ވާސިލްވުމަށް އެންމެން އެއްބައިވެ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ކުޅިވަރުގެ ތެރެއިން ދަސްވި މުހިންމު ކަމެއްގެ ގޮތުގައި އައްސަދު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ ކަންކަން އެތުރިފައިވާ ގޮތުން ރަށްފުށުގައި އެކަޑަމީއެއް ނުހުއްޓި ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި ރަށުގެ ފޯރާ މީހުންގެ މާލީ އެހީއަކީ ވެސް މުހިންމު އެއްޗެއްގެ ގޮތުގައި އައްސަދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޒުވާން އުމުރަށް އަރާކުދިން ގޯސްމަގުތަކުން ދިއުމުގެ ފުރުޞަތު އެންމެ ބޮޑަށް ހަނިކުރެވޭނެ އެއްދާއިރާއަކީ ވެސް ކުޅިވަރުގެ ގޮތުގައި އައްސަދު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ޚަފްލާގައި ވާހަފުޅު ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެފައި ވަނީ އިހަވަންދޫގެ ކުރިއެރުމަށް ހިންގޭ މިފަދަ ކޮންމެ ކަމެއްގައި އިހަވަންދޫ ކައުންސިލުން އެއްބާރުލުން ލިބޭނެ ކަމަށެވެ. މީގެއިތުރުން ސޮބާޙްވަނީ އެ ރަށުގައި ކުޅިވަރަށް ލޯބިކުރާ ޒުވާނުން އިތުރު ނަމަވެސް ފެސިލިޓީސްގެ މަދުކަން ފާހަގަ ކުރައްވާފައެވެ. ސަރުކާރުން އެ ރަށުގައި ތަރައްޤީ ކުރަމުން އަންނަ ޓާފް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމަށް ފަހު މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ސޮބާހް ވަނީ ފާޅުކުރައްވާފައެވެ. ސޮބާހް އިތުރަށް ވިދާޅުވެފައި ވަނީ މިކަންކަން ހައްލު ކުރުމަށް ސަރުކާރާއި މިހާރުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

މި ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު އެކަޑަމީގެ ބެލެނިވެރިންނާއި މުޚާތަބުކޮށް ވިދާޅުވެފައިވަނީ ދަރިވަރުންގެ ޢިލްމާއި އެއްވަރަށް ހުނަރު ކުރިއެރުވުމަކީ މުހިންމުކަމެއްކަން ބެލެނިވެރިން ވެސް ޤަބޫލުކޮށް ފުޓްބޯޅަ ފަދަ ކުޅިވަރުތަކުން ކުދިން ކުރިއަށް ދިޔުމަށް ހިތްވަރުދޭ ބަޔަކަށް ބެލެނިވެރިން ވާން ޖެހޭކަމަށެވެ.
ޝިފާއު އިތުރަށް ވިދާޅުވެފައި ވަނީ މިހާރު އެ ރަށުގައި ހަދަންފަށާފައިވާ ޓާފް ފުޓްބޯޅަ ދަނޑު މި އަހަރުތެރޭ ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެއިތުރުން އިހަވަންދޫގައި ހިންގޭ ކޮންމެ އެކަޑަމީއަކަށް ސަރުކާރުގެ ތެރޭންނާއި އަދި އެ ނޫން ގޮތްގޮތުން ވެސް ފޯރުކޮށްދޭންޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދެމިހުންނާނެ ކަން ޝިފާއު ވަނީ ފާހަގަކުރައްވާފައެވެ.
97 ދަރިވަރުންނާއިއެކު އަންނަ ނޮވެމްބަރު މަހު އެކަޑަމީގެ ޕްރޮގްރާމްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފުޓްބޯޅަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ ކަންބޮޑުވުން އެ އެކަޑަމީގެ އިސް ފަރާތްތަކުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!