ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

photo_2021-10-29_15-42-18

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ.

ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

އެމްއެންޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ 6 ނައިބު ރައީސުން ތިއްބޭއިރު އޭގެ ތެރެއިން 5 ނައިބު ރައީސް ހޮވަނީ ރާއްޖެ 5 ސަރަހައްދަކަށް ބަހާލައިގެންނެވެ. މިގޮތުން ބޮޑުތިލަދުންމަތީ ހިމެނޭ އުތުރު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށް މީހަކު ކުރިމަތިލާފައި ނުވުމުން އެ މަގާމް އަދި އޮތީ ހުހަށެވެ. މައުލޫމާތު އެނގޭ އެމްއެންޕީގެ އިސް ބޭފުޅަކު "ތިލަދުން"އަށް ވިދާޅުވީ އުތުރު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށް އިއްޔެ އެ ޕާޓީއާއި ގުޅުނު އާދަމް ޝަރީފް ކުރިމަތިލާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިންޑިއާގެ ޗެންނާއީ އިން "އިންޑިއަން އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް" އިން "ލޮޖިސްޓިކްސް އެން ޝިޕިން" ގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކޮށްފައިވާ އާދަމް ޝަރީފްއަކީ ވޭތުވެދިޔަ 5 އަހަރު، ރާއްޖޭގެ އެންމެ މެންބަރުންގިނަ ޕާޓީ، އެމްޑީޕީން ބޭއްވި ހުރިހާ އިންތިހާބުތަކަކަށް އިގިރޭސިވިލާތުގެ ކޮންޒަރވޭޓިވްޕާޓީން ކެމްޕޭން މެނޭޖަރުން ތަމްރީންކުރިއިރު އެތަމްރީން ފުރިހަމަކޮށް ކެމްޕޭން މެނޭޖަރ ސެޓްޕިކެޓް ހާސިލްކޮށްފައިވާ ފަރާތެކެވެ.

މީގެއިތުރުން އޭނާގެ އެޑިޓަރުކަމުގެ ދަށުން "އުތުރު އޮންލައިން"ކިޔާ ނޫހެއް ހިންގަމުން އަންނައިރު، އޭނާއަކީ އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅޭ ފަރާތެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *