ނިމިދިޔަ އޮގަސްޓުމަހު ދައުލަތުގެ ޖުމްލަ އާމްދަނީ 11.5 ޕަސެންޓް ދަށަށް ހިނގައްޖެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ އޮގަސްޓް މަހުގެ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފްސީލުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު 1.52 ބިލިއަން ރުފިޔާލިބިފައިވާއިރު މި އަހަރުގެ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު 1.34 ބިލިއަން ރުފިޔާ އަކީ 11.5 ޕަސެންޓް ދަށް އަދަދެކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ މިއަހަރު ދަށަށް ގޮސްފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދެއްކި މިންވަރު ދަށްވުމާ ގުޅިގެންނެވެ.

ޓެކްސްގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު 1.12 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާ ކަމަށްށާއި ޓެކްސް ނޫން ގޮތް ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު 292.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު އެ އަދަދު އުޅެނީ 192.7 މިލިއަން ރުފިޔާގައިކަމަށް އެމިނިސްޓްރީން އާންމުކުރި ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

Ad
ooredoo

މި އަހަރުގެ އޮގަސްޓް މަހު ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވަނީ އިތުރުވެފާވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެގޮތުން މި އަހަރުގެ އޮގަސްޓް މަހު އެ އަދަދު  41.5 މިލިއަން ރުފިޔާ އަށް އަރާފައިވާކަން ފަހަގަކުރެވެއެވެ.

އެގޮތުން އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 473 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެން ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 251.2 މިލިއަން ރުފިޔާއާ އެކު ވިޔަފާރިތަކުން ދެއްކި ޓެކްސް އެވެ.މީގެ އިތުރުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 250 މިލިއަން ރުފިޔާ މިދިޔަ އޮގަސްޓް މަހު ދައުލަތަށް ލިބިފައިވެއެވެ.