މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ.

އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

Ad
rt

އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ އެމްއެންޕީގެ މެންބަރުންގެ ގޮތުގައި މަޖިލިސްގެ ދަފުތަރުގައި ހިމަނާފައެވެ.

މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެ ގޮތައް ނިންމަވާފައި ވަނީ އެ ޕާޓީ ރަޖިސްޓަރީކޮށް، އިލެކްޝަން ކޮމިޝަންގެ ދަފުތަރުގައި ހިމަނައި، މަޖިލީހުގެ ދަފުތަރުގައި އެޕާޓީއާއި އެ 3 މެންބަރުން ހިމަނަން ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ހުށަހެޅުމުން ކަމަށެވެ.

މިއާއިއެކު މަޖިލީހުގެ ދަފްތަރަށް އައި ބަދަލު

  • އެމްޑީޕީ - 65 މެމްބަރުން
  • ޕީޕީއެމް - 6 މެމްބަރުން
  • ޖޭޕީ - 3 މެމްބަރުން
  • ޕީއެންސީ - 3 މެމްބަރުން
  • އެމްއެންޕީ - 3 މެމްބަރުން
  • އެމްޑީއޭ - 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 5 މެމްބަރުން

އެމްއެންޕީ ރަޖިސްޓަރީކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ޕާޓީ ރަޖިސްޓަރީކޮށްދީފައި ވަނީ އިއްޔެ އެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެއެވެ.