ޕްރައިވެޓް ސެކްޓާ ތަރައްޤީކުރުމަކީ މި ސަރުކާރުގެ އިޤްތިޞާދީ އިޞްލާހީ އެޖެންޑާގެ މައި އެއް ތަނބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދެއްކަވަމުންނެވެ.
ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މި ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލީހް ވަނީ، ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެކިދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި، ރާއްޖޭގެ މުޖުތަމަޢުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއެރުވުމަށް ކަމުގައެވެ. އަދި މި ލަނޑުދަނޑިތަކަކީ ދުބާއީ އެކްސްޕޯ 2020 ގައި ހުށަހެޅުއްވި ތީމްއާ އެއްގޮތްވާގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕްރައިވެޓް ސެކްޓާ ތަރައްޤީކުރުމަކީ މި ސަރުކާރުގެ އިޤްތިޞާދީ އިޞްލާހީ އެޖެންޑާގެ މައި އެއް ތަނބުކަމުގައި ސިފަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ތިމާވެށި ތަރައްޤީކޮށް އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ޚަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާއެކީ، ދެފުއްފެންނާނެހެން، ބަދަލުނުވާނެގޮތަށް، އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން މީގެތެރޭގައި ހިމެނޭކަމަށެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ސަރުކާރުގެ މި ވަގުތުގެ މީޑިއަމް-ޓަރމް އަމާޒަކީ ހަރުދަނާ އުޞޫލެއްގެ މަތިން އިޖާދީކަންކަމަށް ހިތްވަރުދީގެން، ޑިޖިޓަލް ޑިސްރަޕްޝަންއަށް މަގުފަހިކޮށްދީ މީހުންނަށް އަވަހަށް އަދި ފައިދާކުރަނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް މަގުފަހިކުރުންކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި 93 އިންސައްތަ ރިޒޯޓް މުވައްޒަފުން އަދި ވެކްސިން ޖެހޭ އާބާދީގެ ގާތްގަނޑަކަށް 79 އިންސައްތަ ދިވެހިން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ރާއްޖެ، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ އޮތުމަކީ ރާއްޖޭގެ ވިޔަފާރިއަށް ލިބިގެންދާ އިތުރު ބާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އުތުރާއި ދެކުނުން ވާސިލުވުމަށް ފަސޭހަ މަގެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އެހެންކަމުން އެކަމަށް ވިސްނައިގެން ދިވެހި ސަރުކާރުން އިންވެސްޓްމަންޓް މާހައުލު ތަރައްޤީކުރުމަށް އިތުރު ފިޔަވަޅު އަޅުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޢުމްރާނީ ތަރައްޤީއާ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާއިން އައު އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން އެކި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، ރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ މާހައުލުވެސް ފެންނަންހުރި ގޮތެއްގައި ކުރިއަރައިގޮސްފައިވާކަމަށް ވެސް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!