ހއ. ދިއްދޫ ބަނދަރުގެ އުތުރު ތޮށީގައި ބޭނުން ނުކޮށް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަނދަރު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން އެ ރަށުގެ ބަނދަރުގެ އުތުރު ތޮށީގައި ބޭނުންނުކޮށް އޮންނަތާ ގިނަ ޒަމާންތަކެއް ވެފައިވާ ދޯނީގެ (ރަޖިސްޓަރީ ނަމްބަރުC2358A-04 10-T ) ވެރިފަރާތް ހޯދަން އެ ކައުންސިލުން ބޭނުންވާ ކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.
އެ ދޯނީގެ ވެރިފަރާތެއް ވާނަމަ 04 ނޮވެމްބަރ 2021 ގެ 14:00 ކުރިން އެ ކައުންސިލަށް އަންގައި އެ ތާރީޚުގެ ކުރިން އެ ދޯނި އެ ސަރަހައްދުން ނެގުމަށް ވެސް ދިއްދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ދިއްދޫން "ތިލަދުން"އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ދޯންޏަކީ އެ އަތޮޅު އަލިދޫގައި ރިސޯޓް ހިންގި ދުވަސްވަރު އެރަށުގައި ދުއްވި ދޯންޏެކެވެ. ދިއްދޫ ފަޅުގައި އަޅާފައި އޮތީ އަލިދޫން އެރަށް ގެންގޮސްފައެވެ.
"މީހުންކިޔާ ޖާބިރުގެ ކުންފުނީގެ ދޯންޏެކޭ، އަޅުގަނޑަށް އެނގޭވަރަކީ އެއީ އަލިދޫގައި ދުއްވި ދޯންޏެއްކަން" އެމީހާ ބުންޏެވެ.
އަލިދޫ ރިސޯޓް ހިންގާފައި ވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިންނެވެ. އަދި ވެސް އެރަށް އޮތީ ޖާބިރުގެ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!