ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުވައިފިއެވެ.
މިއަދު ހެނދުނު މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި އެ ޕްރީސްކޫލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މި ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް މިލިބުނީ އެކަށޭނަ ވަގުތެއްގައި ކަމަށެވެ.
ތަނަވަސްކަމުގެ އަޙުލުވެރިންނަށް މުޖުތަމަޢަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުޞަތު އޮތް ކޮންމެ ޙާލަތެއްގައި އެކަމެއް އެންމެ އެކަށޭނަގޮތަކަށް ކޮއްދެއްވުމަށާއި، މިއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ޚާއްޞަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު މީހުން އާބާދުވާ މިންވަރާ ބަލާފައި އެކަށީގެންވާ ވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން އެތަކެއް ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރައްވައި، ސަރުކާރުން މިހާރުވެސް ދަނީ ހުޅުމާލޭގައި 2 ސްކޫލެއް ބިނާކުރުމުގެ މަސައްކަތްކުރަމުން ކަން ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މި ސަރުކާރުން ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައި ވިދާޅުވެ، މި ސަރުކާރުން އެންމެ ބޮޑު ހޭދައެއްވެސް ކުރަނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.
މުޙައްމަދު ޤާސިމް ޕްރީސްކޫލަކީ އެ ސްކޫލް ބިނާކޮށްދެއްވި ޢަލީ ފިރާޤު، އޭނާގެ ބައްޕަ އަލްމަރްޙޫމް މުޙައްމަދު ޤާސިމުގެ ހަނދާނުގައި ޢިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ޕްރީސްކޫލެކެވެ.
މި ސްކޫލްގައި 10 ކްލާސްރޫމާއި، ހޯލުގެ އިތުރުން އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!