މިއަހަރުގެ ޔޫތު އެވޯޑް ލިބުނު 10 ޒުވާނުންގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 3 ޒުވާނެއް ހިމެނިއްޖެއެވެ. މިގޮތުން މި އަހަރުގެ ޔޫތު އެވޯޑު އެންމެ ގިނައިން ލިބުނު ޒުވާނުން ނިސްބަތްވާ ރަށަކަށް ވެފައި ވަނީ ހދ. ކުޅުދުއްފުއްޓެވެ.
މި އެވޯޑްތައް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑްތައް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
މި ގޮތުން މިއަހަރުގެ ޔޫތު އެވޯޑް ލިބުނު ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 3 ޒުވާނުންނަކީ:
އާޓްސް އަދި ފަންނުވެރިކަމުގެ ދާއިރާއިން، ނާޒިމް ހަސަން (ކޯނާ، ކުޅުދުއްފުށި ސިޓީ)
ނޫސްވެރިކަމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ނާޒިމް އެ ދާއިރާއަށް ނުކުތީ 2014 ވަނަ އަހަރު ކުޅުދުއްފުށީ އޮންލައިންއިންނެވެ. އޭގެ ފަހުން ވަގުތު އަދި އަވަސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު މިހާރު ނާޒިމް ދަނީ އަދަދު އޮންލައިންގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމު ފުރަމުންނެވެ.
ނާޒިމް ޚާއްޞަ ވެފައި ވަނީ ޝަރުޢީ ދާއިރާ ކަވަރުކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ. އެ ގޮތުން ބޮޑެތި ގިނަ ޝަރީޢަތްތަކެއް ކަވަރުކުރަން ކޯޓުތަކުގައި ގިނަވަގުތު ހޭދަކޮށްފައިވާއިރު، ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުގައި ހިނގި ހުރިހާ ބޮޑެތި ޝަރީއަތަކެއް ކަވަރުކޮށް އެއާގުޅޭ ޚަބަރުތަކާއި ރިޕޯޓްތައް ނާޒިމް ވަނީ ގެނެސްދީފައެވެ.
ނާޒިމްގެ މަގްސަދަކީ ކޯޓުތަކުގައި ހިނގާ ކަންކަމާގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުންކަމަށްވީއިރު، މިގޮތުން ޤާނޫނީ ޝަރުީި ގިނަ މައްސަލަތަކާގުޅޭ ތަފްސީލީ ރިޕޯޓްތައް ކިޔުންތެރިންނާއި ހަމައަށް އޭނާ ވަނީ ގެނެސްދީފައެވެ. މީގެއިތުރުން އޭނާ ވަނީ މުޖުތަމައުގައި ނިކަމެތި ހާލުގައިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައެވެ.
ނާޒިމް ނޫސްވެރިއެއް ގޮތުގައި މަސައްކަތްކުރާތާ 7 އަހަރުވެފައިވާއިރު، އެ ދާއިރާއިން މުހިންމު ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެފަޚުރުވެރި އެއް އެވޯޑް، މީޑިއާ ކައުންސިލުންދޭ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑްގެ އިތުރުން 2019 ވަނަ އަހަރު އެންމެމޮޅު ޝަރުޢީ ދާއިރާގެ ނޫސްވެރިޔާގެ އެވޯޑް ވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.
ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން، އަފާ ހުސައިން (ޕާކް، ކުޅުދުއްފުށި ސިޓީ)
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން މަތީ ސާނަވީ ތައުލީމް ހާސިލްކޮށް، ގައުމީ ޔުނިވާސިޓީއިން ތިމާވެށީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ އަފާ ގެންދަނީ ވަރަށް ޅަ އުމުރުން ފެށިގެން ތިމާވެށީގެ ދާއިރާއިން މަސައްކަތް ކުރަމުންނެވެ. މި ގޮތުން މި ޒުވާނާގެ އުމުރުން 18 އަހަރުގައި ބި ލީފް އުފައްދައި، މޫސުމީ ބަދަލުތަކަށާއި، ދެމެހެއްޓެނެވި ނޫން އިގްތިސާދަށާއި އަދި ތިމާވެއްޓަށް ދިމާވާ މައްސަލަތަކާ ދެކޮޅަށް އޭނާ ގެންދަވަނީ ވަކާލާތުކުރަމުންނެވެ. އަދި އޭނާ ދަނީ ގުދުރަތީ ނިޒާމްގެ މުހިންމުކަމާމެދު ވަކާލާތުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތުއެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވާ ހިންގަމުންނެވެ.
އަފާ ވަނީ މި ދާއިރާއާއި ގުޅުން ހުރި އެކިއެކި ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެ ތަމްސީލްކޮށްދީ ގުދުރަތީ ވެއްޓާއި ނިޒާމްގެ މުހިންމުކަމާ ބެހޭގޮތުން ވަކާލާތުކޮށްފައެވެ.
ތިމާވެއްޓާބެހޭ މިނިސްޓްރީގައި އެންވަޔަރމަންޓަލް އައުޓްރީޗް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ އަފާއަކީ އާތުޑޭ ނެޓްވޯކްގެ ސައުތު އޭސިޔާގެ އެމްބެސަޑަރވެސް މެއެވެ.
ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން - އައިޝަތު ތޯއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި ސިޓީ)
ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޕްރޮގްރާމްތަކުގައި މެދުކެނޑުމެއްނެތި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ، މިހާރުވެސް މަސައްކަތް ކުރަމުންއަންނަ ތޯއިފާ މިހާރު މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ގާލްގައިޑް އެސޯޝިއޭސަންގެ އިންޓަނޭޝަނަލް ކޮމިޝަނަރގެ ގޮތުގައެވެ.
ތޯއިފާއަކީ ހޯޕް ފޮރ ވިމެން އަދި ދިވެހި ރެޑްކްރެސެންޓްގައި ވެސް މަސައްކަތް ކުރަމުން އަންނަ ދަރުމަވެރިއެކެވެ. 3 ކުދިންގެ މަންމައެއްގެ ގޮތުން އާއިލީ މަސްއޫލިއްޔަތުތައް އުފުލަމުން ތޯއިފާ ދަނީ ދަރުމަވެރިއެއްގެ ގޮތުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެމުންނެވެ.
2004 ސުނާމީ ކާރިސާއާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާއި، ތަފާތު އެކިއެކި އަލިފާންގެ ކާރިސާ ދަރުމަވެރިއެއްގެ ގޮތުގައި އޭނާ މަސައްކަތްކޮށްފައިވާއިރު، ކޯވިޑް ރިލީފްގެ މަސައްކަތުގައި އަދި ވެކްސިނޭޝަން މަސައްކަތުގައި ދަނީ މަސައްކަތް ކުރަމުންނެވެ.
ތޯއިފާއަކީ ގައުމީ ޚިދުމަތަށް ގޮވާލެވޭ ކޮންމެ ފަހަރެއްގައި ފަސްޖެހުމެއްނެތި އެންމެ ކުރީސަފުން ފެންނަމުންދާ ހީވާގި ގާލްގައިޑް ލީޑަރެކެވެ.
މިއަހަރުގެ ޔޫތު އެ ވޯޑު ރޭގައި ދީފައިވާއިރު، ޒުވާނުންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރަމުން ދަނީ ކުޅުދުއްފުށީ ސިޓީގައެވެ. މި ދުވަހާއި ގުޅުވައިގެ ޔޫތު މިނިސްޓްރީއާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެ ސިޓީގައި ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!