ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސިޔާސީ ލީޑަރުން ދެއްކި ވާހަކަތައް މިއަދާ ހަމައަށް ވެސް ދިމާވެފައި ނުވާ ކަމަށާއި، ލޮލުފިޔަ ނުޖަހާ ރައްޔިތުން އަދިވެސް ޖެހިފައި ވަނީ ހައްގުތައް ހޯދަން މަސައްކަތްކުރަން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ދިވެހި ޗެނަލުން ގެނެސްދިން "ހައްޓި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސިޔާސީ ލީޑަރުން ދައްކަމުންއައި ވާހަކައަކީ އޭރުގެ ހާލަތަށްވުރެ ރަނގަޅު ހާލަތަށް ޤައުމުގެ ގެންގޮސްދޭނެ ކަމުގެ ވާހަކަތައް ކަމަށެވެ.

Ad
rt

އެ ލީޑަރުން އައީ ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަމުގެ ޔަގީންކަން ދެމުން ކަމަށާއި، ނަމަވެސް ރައްޔިތުން މިއަދު ކުރާ ސުވާލަކީ އެކަންކަން ހާސިލް ވެއްޖެތޯ ކަމަށް ލަތީފް ވިދާޅުވިއެވެ.

"މާރާ މާރީތައް ގިނަވަމުން ދަނީ، ފޭރުންތައް ގިނަވަމުން ދަނީ، ވައްކަން ކުރުން އިންތިހާއަށް، މަސްތުވާތަކެތި އިތުރު ވަނީ، އިގްތިސޯދީ ފުދުންތެރިކަން ދަނީ ދަށަށޭ، މިކަހަލަ ބައިވަރު ވާހަކަތައް ރައްޔިތުން މިދައްކަނީ، ކީއްވެތޯ ރައްޔިތުން މި ސުވާލުތައް މިކުރަނީ،" ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ލީޑަރުން އޭރު ދިޔައީ އޭރުގެ ހާލަތަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ފައިދާ ހުރި، ލާބަހުރި މަންފާހުރި ހާލަތަކަށް ގައުމު ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ދެމުން ކަމަށެވެ.

"އެއާއެކު 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއެއްކޮށް އައި ވެރިކަމާއެކު މިއަދާއި ހަމައަށް ވެސް ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުމެއް އުފަލެއްނުލިބޭ، ލޮލުފިޔަވެސް ނުޖަހާ އަދިވެސް މިޖެހެނީ އެ މަސައްކަތް ކުރަން، އަދިވެސް ނުނިދާ މި މަސައްކަތް ކުރަންޖެހެނީ، މިހާރު ރައްޔިތުން ބުނަނީ ކިހާ ބޮޑު އޮޅުވާލުމެއްހޭ ތި އޮޅުވާލީ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، "ސިޔާސީ ލީޑަރުން ގޮތުގައި ތިއްބެވި ބޭފުޅުން އެދެއްކި ހުވަފެން ކަމަށް ވަންޏާ ހުވަފެނެއް، އެދެއްކި އުންމީދެއް ކަމުގެ ވާހަކަ ވިއްޔާ އުންމީދެއް ނުވަތަ އެ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ވާހަކަ ވިއްޔާ ވައުދުތައް ނުފުއްދުނީމަ" ރައްޔިތުން މިހާރު މިތިބީ މާޔޫސްކަންމަތީގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިހެންކަން ދިމަވެފައި ވަނީ އިހްލާސްތެރިކަން ނެތުނީމަ ކަމަށެވެ. މިގޮތުން ސިއްހީ ނިޒާމަށް ބެލި ނަމަވެސް، ތައުލީމީ ނިޒާމަށް ބެލި ނަމަވެސް، ފުދުންތެރިކަމަށް ބެލި ނަމަވެސް، ޑްރަގްގެ މައްސަލަތަކަށް ބެލި ނަމަވެސް، ގޭންގް މާރާމާރީއާއި، ދީނީ މައްސަލަތަކަށް ވެސް ހައްލެއް ނުގެނުވުނު ކަމަށާއި، ތަކުރާރުކޮށް ރައްޔިތުން ދައްކަނީ އެވާހަކަ ކަމަށް ލަތީފް ވިދާޅުވިއެވެ.

އެހެންނަމަވެސް ހައްލު ނެތްކަމަށް ދެ އަތް އުރާލައިގެން ހައްލެއް ނާންނާނެ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ހައްލު ހޯދަން ކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ސިޔާސީ ލީޑަރުން ދިވެހި ރައްޔިތުންނަށް ގެނެސްދިން އުންމީދު ހާސިލް ނުވާކަމަށެވެ.