މިއަހަރު ނޭޕާލުގައި އޮންނަ ސައުތު އޭސިއަން ގޭމްސްގައި ވާދަކުރާ ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމު، ސައުތު އޭސިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތަކެއް ބޭއްވުމަށް ހދ. ކުޅުދުއްފުއްޓަށް ފުރައިފިއެވެ.

އިއްޔެ ކުޅުދުއްފުއްޓަށް ފުރި ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމުގައި 13 ކުޅުންތެރިންނާއި، 3 އޮފިޝަލުން ހިމެނެއެވެ. މިޓީމު ހަފްތާއެއްވަންދެން ކުޅުދުއްފުށީގައި ފަރިތަކުރުންތައް ބާއްވާނެއެވެ.

ބާސްކެޓް ބޯލް އެސޯސިއޭސަނުން ވިދާޅުވި ގޮތުގައި، މިދަތުރަށް މިފަހަރު ކުޅުދުއްފުށި ޚިޔާރުކުރީ އުތުރުގައި ޚާއްސަކޮށް ކުޅުދުއްފުށީގައި ބާސްކެޓަށް އޮންނަ ފޯރި އިތުރުވަމުން އަންނަކަން ޤަބޫލު ކުރެވޭތީއެވެ.

އަދި މިއަހަރު އޮންނަ ޤައުމި ބާސްކެޓް މުބާރާތުގައި ކުޅުދުއްފުށިން 2 ވަނަ ޑިވިޒަންގައި ޓީމެއް ބައިވެރިކުރުމަށް މަސައްކަތް ކުރަމުންދާތީ، އެކަމަށް ހިތްވަރު ދިނުންވެސް ހިމެނޭކަމަށް އެސޯސިއޭސަނުން ވިދާޅުވެއެވެ.

ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމު ކުޅުދުއްފުއްޓަށް މިކުރާ ފަރިތަކުރުންތަކުގެ ދަތުރު ނިންމާލުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ 8 އޮކްޓޯބަރގައެވެ.