ހއ. މުރައިދޫގައި މިއަދު ހަވީރު މޫދަށް އެރިއުޅުނު ބިދޭސީ ނަރުހަކު ގެނބިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށް މުރައިދޫ ކައުންސިލުން ވިދާޅުވިއެވެ. ގެނބުނީ މުރައިދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ.
މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން "ތިލަދުން"އަށް ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު އެރަށުގައި އުޅޭ ބިދޭސީ ނަރުހުންނާއި، ޓީޗަރުން އެކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށެވެ.
އެރަށުގައި މީހުން މޫދަށް އެރެންގޮސް އުޅޭ ސަރަހައްދަށް އެރަށުގައި އުޅޭ ބިދޭސީ ނަރުހުންނާއި، ޓީޗަރުން އެކުގައި މޫދަށް އެރުނުއިރު އެ ސަރަހައްދުގައި ރަށުގެ ގިނަ ބަޔަކު ވެސް ތިބިކަމަށް ސިނާން ވިދާޅުވިއެވެ.
"އެތަނުން މޫދަށް އެރުނު ބިދޭސީއަކު އައިސް މީހުން ކައިރީ ބުނީ މޫދަށް އެރުނު ނަރުހަކު ގެނބިގެން އޮޔާ ގެންދާ ވާހަކަ، ދެން އަވަހަށް އެ ނަރުސް ސަލާމަތްކުރުމުގެ މަސައްކަތްފެށީ" ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ، އެ ނަރުސް ކުއްޖާ ސަލާމަތްކުރި އިރު އޮތީ ވަރަށް ބޮޑަށް ލޮނު ބޮއިފައި ކަމަށާއި، އޭނާ އެއްގަމަށް އަރުވައި، ގޮބޮޅި ފެންދީ ހޮޑުލެވުމުން ހާލު ރަނގަޅުވާން ފެށިކަމަށެވެ.
"އަޅުގަނޑު އެންމެފަހުން އެކުއްޖާ ހާލު ބެލީ 830 ހާއިރު، އޭރު އޭނާ ހާލު ސްޓޭބަލް، އެކަމަކު އޭރު އަދި އޮތީ އެޑިމިޓް ކޮށްފަ" ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ އެރަށުގައި މީހުން މޫދަށް އެރެން އޮންނަ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއް ނޫންކަމަށެވެ. ވަރަށް ފަހުން ވެސް އުމުރުން ދުވަސްވީ މީހެއް އެ ސަރަހައްދަށް ގެނބުނު ކަމަށް ސިނާން ވިދާޅުވިއެވެ.
" މިރަށުގައި މި އޮންނަނީ އެންމެ ތަނެއް މޫދަށް އެރެން، ދެ މޫސުމުގައި ވެސް މިތަން މި އެރެންޖެހެނީ، ކުރިން ވަނީ މި ސަރަހައްދަށް މޫދަށް އެރިއުޅުނު ދެ މީހެއްގެ ފުރާނަ ގެއްލުމުގެ ހިތާމަވެރި ހާދިސާތައް ހިނގާފައި، މިދިޔަ އަހަރު މި ދުވަސްވަރު ވެސް މިތަނުގައި މިފަދަ ހާދިސާތައް ހިނގި" ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ، އެރަށު ރައްޔިތުންނަށް މޫދަށް އެރޭނެ ރައްކާތެރި ތަނެއް ބޭނުންވެފައިވާ ކަމަށެވެ. މުރައިދޫއަކީ ފަޅެއް އޮންނަ ރަށަކަށް ނުވާއިރު، ރަށުގެ ރައްޔިތުންނަށް ބީޗެއް ތައްޔާރުކޮށް ދިނުމަކީ ކައުންސިލްގެ ވިސްނުމެއް ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!