ފުންކޮށް ވިސްނާލުމުން "ޤައުމަށްޓަކާ" ބާއްވާ ހަރަކާތްތަކާއި، ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކުގެ ތަފާތު ފެންނާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަފާތު "ލީޑަރުންނާއި" އަދި "ކޯލިޝަން" ތަކާއި އެކު ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށެވެ.
"ޤައުމަށްޓަކާ ބާއްވާ ހަރަކާތްތަކާއި، ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކާ ބަލާބެލުމަށް ތަފާތުކުޑަޔަސް، ފުންކޮންވިސްނާ ފިކުރުހިންގާލުމުން ތަފާތުފެންނާނެ. ލައްކަވާހަކަ" ޑރ. މައުސޫމް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި މިނިސްޓަރު އިޝާރާތް އެ ކުރެއްވީ އިދިކޮޅު ފަރާތްތަކަށެވެ. އިދިކޮޅު ފަރާތްތައް މިދިޔަ ދައުރު ވެރިކަމަށް އައީ ވެސް ކޯލިޝަނެއްގެ ތެރެއިން ނެވެ. ނަމަވެސް އެ ކޯލިޝަން ދެމި އޮތީ ތިން މަހެއްހާ ދުވަހަށެވެ.
މީގެއިތުރުން ދެން މިނިސްޓަރު އިޝާރާތް ކުރެއްވި ކަމެއް ކަމަށް ބެލެވެނީ އިދިކޮޅުން ބާއްވާ އެއްވުން ތަކަށެވެ. އެ އެއްވުންތަކަކީ ޤައުމަށްޓަކައި ބާއްވާ އެއްވުންތަކެއްތޯ ނުވަތަ އަމިއްލަ މަންފާއެއް ބާއްވާ އެއްވުން ތަކެއްތޯ ފުންކޮށް ވިސްނާލުމުން ތަފާތު ފެންނާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ތަފާތު "ލީޑަރުންނާއި" އަދި "ކޯލިޝަން" ތަކާއި އެކު ތަޖުރިބާތަކެއް ކުރެވިއްޖެ. #ޤައުމަށްޓަކާ ބާއްވާ ހަރަކާތްތަކާ #ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކާ ބަލާބެލުމަށް ތަފާތުކުޑަޔަސް، ފުންކޮންވިސްނާ ފިކުރުހިންގާލުމުން ތަފާތުފެންނާނެ.#ލައްކަވާހަކަ!
— Abdulla Mausoom (@Mausoom_Maus) October 22, 2021
މި ސަރުކާރު ވެސް ހިންގަމުން ދަނީ ކޯލިޝަނަކުން ކަމަށްވީއިރު، މިއީ ރާއްޖޭގެ ތާރީޚްގައި އެންމެ ދިގުލާދާ ކޯލިޝަން ސަރުކާރެވެ. އެ ރެކޯޑް ރައީސް ޞާލިޙް އަތްޕުޅުގައި އޮތް އިރު، އެމްޑީޕީ ފިޔަވައި ކޯލިޝަން ބައިވެރިންނަށް ހައްގު މިންވަރު ނުލިބުނު ކަމަށް ބުނިނަމަވެސް އެ ބައިވެރިން ތިބީ ކޯލިޝަނާއެކު ކުރިއަށްދާން ކަމަށް އަންނީ ބުނަމުންނެވެ.
މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވެސް ވަނީ "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ހިނގާލުމެއް ވެރިރަށް މާލޭގައި ބާއްވާފައެވެ.
މިނިސްޓަރު ޑރ. މައުސޫމަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްކަމަށްވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!