ހއ. ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާ ހަވާލުކުރަން ދިއްދޫ ކައުންސިލުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައި ވަނީ ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 24 ވަނަ އާންމު ބައްދަލުވުމުގައެވެ.
މި ހުށަހެޅުން ހުށަހެޅުއްވީ ކައުންސިލަރު މޫސާ ލަޠީފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކައުންސިލަރު ޢަބްދުﷲ ރަޝީދެވެ.
ކައުންސިލަރު މޫސާ ލަޠީފްގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ދިއްދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އަދި މިކަން އެލް.ޖީ.އޭ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއްސާކޮށް މިއިން އެއްވެސް ވުޒާރާއަކުން ލަފައެއް ލިބިއްޖެނަމަ އެއާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އެހުށަހެޅުމުގަ ވެއެވެ.
މި ހުށަހެޅުން ފާސްވެފައި ވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ކައުންސިލްގެ ނައިބު ރައީސް އަބުދުﷲ ވަޙީދާއެކު ޖުމްލަ 7 ކައުންސިލަރަކު ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!