ބަޔާން ފަސޭހަކަމާއިއެކު މޮޅުވިއިރު ބާސާއަށް ފުރަތަމަ މޮޅު

photo_2021-10-21_11-47-26

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ގްރޫޕް އީގައި ބަޔާން މިޔުނިކާއި ބެންފީކާ ބައްދަލުކުރި މެޗު ބަޔާނުން ފަސޭހަކަމާއިއެކު ކާމިޔާބުކުރި އިރު، ބާސެލޯނާއާއި ޑައިނަމޯ ކިއެވް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، ބަޔާނުން މެޗުގައި ތަފާތު ދައްކާފައި ވަނީ ފަހު ވިހި މިނެޓުގައެވެ. މިގޮތުން ބަޔާނުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ސާނޭ ކާމިޔާބު ކޮށްދީފައިވާއިރު ދެވަނަ ލަނޑަކީ ބެންފީކާގެ އެވަޓަން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު 82 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. އޭގެ ދެ މިނެޓް ފަހުން ސާނޭވަނީ އިތުރު ލަނޑެއްޖަހައި މެޗުގަ ހަތަރު ލަނޑުގެ ލީޑެއް ބަޔާނަށް ހޯދައިދީފައެވެ. ބަޔާނުން މި ހަތަރު ލަނޑު ކާމިޔާބު ކޮށްފައި ވަނީ 14 މިނެޓުގެ ތެރޭގައެވެ.

މި ގްރޫޕްގައި ބާސެލޯނާއާއި ޑައިނަމޯ ކިއެވް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބާސެލޯނާއެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖެރާޑް ޕީކޭއެވެ.

މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނާގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއިއެކު އޮތީ ބަޔާން މިޔުނިކެވެ. ދެވަނާގައި ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ބެންފީކާ އޮތްއިރު، ތިންމެޗުން ތިން ޕޮއިންޓް ލިބުގެން ތާވަލުގެ ތިންވަނާގައި އޮތީ ބާސާއެވެ. ފުލުގައި އޮތީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ޑައިނަމޯ ކިއެވްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.