ޔުނައިޓެޑުން ފަހަތުން އަރާ އެޓަލާންޓާ ބަލިކުރި މެޗުގެ ހީރޯއަކަށް ރޮނާލްޑޯ

IMG_20211021_095936

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ގްރޫޕް އެފްގައި އެޓަލާންޓާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި އެޓަލާންޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޒަޕަކޯސްޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާރިއޯ ޕެސަލިޗެވެ. ބައިކޮޅަށް ވަތް ލަނޑާއިއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތްކުރި ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓަލާންޓާއަށް މެޗުގައި ދެ ލަނޑުގެ ލީޑެއް ހޯދައި ދީފައި ވަނީ ޑެމިރަލްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިންނެވެ.

ޔުނައިޓެޑުން މެޗުގެ ދެވަނަ ހާފުގައި ވަނީ ތަފާތު ދައްކާފައެވެ. މެޗުގެ ދެވަނަ ހާފުގެ ޔުނައިޓެޑުން ފަށާފައި ވަނީ ޓީމް ކުރިއަށް ޖައްސައި އެޓަލާންޓާއަށް ކުޅުމުގެ ފުރުޞަތު ނުދީ ވަރަށް ބޮޑަށް ޕްރެސް ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑުން ވަނީ 53 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. މި ލަނޑު ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަސްފޯޑެވެ. މެޗުގެ ނަތީޖާ ޔުނައިޓެޑުން ހަމަހަމަ ކޮށްފައިވަނީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ބްރޫނޯ ފެނާންޑޭޒް އެޓަލާންޓާގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައި ވަނީ 81 ވަނަ މިނެޓުގައި ލުކާ ޝޯ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލު ކުރި މެޗުން ވެސް ފަހުވަގުތު ޔުނައިޓެޑް މޮޅު ކޮށްދީފައެވެ.

ގްރޫޕް އެފްގައި ޔަންގް ބޯއީސްއާއި ވިޔަރެއާލް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ވިޔަރެއާލްއެވެ. މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ޔުނައިޓެޑެވެ. ދެވަނާގައި ކުޅުނ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު އެޓަލާންޓާ އޮތްއިރު، ތިންވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ވިޔަރެއާލްއެވެ. ޓޭބަލްގެ ފުލުގައި އޮތީ ތިން ޕޮއިންޓާއިއެކު ޔަންގް ބޯއީސްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *