ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖްގެ ސްޓްރޯކެއް ޖެހި ހާލުދެރަވެ އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

މިކަމާއި ގުޅިގެން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަމީން މުޙައްމަދު ވިދާޅުވެފައި ވަނީ ރައީސްގެ ހާލުކޮޅު ދައްވާން ފެށީ މި ހަފްތާ އާދީއްތަ ދުވަހު ކަމަށެވެ.

Ad
rt

ހާލުކޮޅު ދައްވާން ފެށުމުން އެ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށެވެ. ހާލަތު ރަނގަޅު ނުވުމާއިއެކު ހޯމަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، އެ ދުވަހުގެ ވަގުތެއްގައި ހަނިމާދޫ އެއާރޕޯޓުން ރައީސް މާލެ ފޮނުވާލާފައިވާކަމަށް އަމީން ވިދާޅުވި އެވެ.

މިހާރު އޭޑީކޭ އައިސީޔޫ ގައި ފަރުވާ ދެމުން އަންނަ ކަމުގައި އަމީން ވަނީ ވިދާޅުވެފައެވެ.

އޭޑީކޭއިން ބެއްލެވި ޑޮކްޓަރާއި ހަވާލާދީ އަމީން އިތުރަށް ވިދާޅުވެފައިވަނީ، ރައީސްގެ ހާލަތު މާލެއަށް ގެންދިޔައިރަށް ވުރެ އިތުރަށް ގޯސް ނުވާކަމަށާއި، ޑޮކްޓަރު ލަފާދެއްވާފައި ވަނީ ފިޒިއޮތެރަޕީ ހެދުމަށް ކަމަށާއި، އެއަށްފަހު މަޑުމަޑުން ހާލަތު ރަނގަޅު ވަމުން އަންނާނެ ކަމަށެވެ.