ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ކުދިންނަށް އެންމެ ރަނގަޅު ތަޢުލީމެއްދީ، ރިވެތި އަޚްލާޤީ ސިފަތަކުން ޒީނަތްތެރި ކުރުމަށްޓަކައި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންކަން ޤަބޫލުކުރައްވާ ކަމަށެވެ.
"މުދައްރިސުން އެ ކުރައްވާ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެންނެއް ނުދޭ. ކުރިއަށް އޮތް ދުވަހަށް ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ޓީޗިންގ އެއިޑްސް ތައްޔާރު ކުރެއްވުމަށް، ގޭގައިވެސް މުދައްރިސުން އެތައް މަސައްކަތްތަކެއް ކުރައްވާ. ވަށައިޖެހޭ ތަޢުލީމީ ނިޒާމެއްގައި، ކުޅިވަރު ދަނޑުތަކާއި، އެނޫން ކިތަންމެ ތަނެއްގައިވެސް މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި ދަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.
"މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން. މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު." ރައީސް ވިދާޅުވިއެވެ.
މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، ދިވެހި ޤައުމު މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!