ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް ރާއްޖެއަށް މިއަހަރު ގެންނަން އަމާޒުހިފި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 90 އިންސައްތަ ކާމިޔާބު ކުރެވިއްޖެކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން އަންނަނީ ވަރަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ކޯވިޑްގެ މިހާލަތުގައި ވެސް އެންމެ ރައްކާތެރި މަންޒިލް ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ދަނީ ގިނަ ރޯޑް ޝޯތަކުގައި ބައިވެރިވެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިސްތިހާރު ކުރަމުންނެވެ.
ސަރުކާރުގެ ރަސްމީ ޓްވީޓާ އެކައުންޓް "ގަވަރމަންޓް އޮފް މޯލްޑިވްސް"އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ 1 މިލިއަން ފަތުރުވެރިން ގެންނަން ކަނޑައެޅި ޓާގެޓްގެ 90 އިންސައްތަ މިހާރު ކާމިޔާބުވެފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 923،146 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މި އަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ލަފާކުރާ އެއް މިލިއަން ޓޫރިސްޓުންގެ %90 އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 211،062 ފަތުރުވެރިން އައިސްފައިވާއިރު މިއީ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ 23 އިންސައްތައެވެ.
ދެވަނަ ގައުމެއްގެ ގޮތުގައި ޔޫރަޕް ބައްރުގެ ރަޝިޔާގެ ރަޝިޔާ އޮތްއިރު އެ ޤައުމުން 177،321 ފަތުރުވެރިން އައިސްފައިވާއިރު މިއީ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ 19 އިންސައްތައެވެ. ތިންވަނާގައި އޮތް 60،463 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިއީ ޒިޔާރާތްކޮށްފައިވާ ފަަތުރުވެރިންގެ 6.6 އިންސައްތައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާއި އެކު މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވާއިރު، މިދިޔަ ބޯޑަރު ބަންދު ކުރުމާއި ހަމައަށް ފަސް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ %93 މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، މިހާރު 33 އެއާލައިނަކުން ރާއްޖެއަށް ދަނީ ދަތުރުތައް ވެސް ބާއްވަމުންނެވެ.
ކޯވިޑްގެ ހާލަތުގެ ތެެރެއިން އެންމެ ފުރަތަމަ ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލި އެއް ޤައުމަކީ ވެސް ރާއްޖެއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްތައް ވެސް ހުޅުވާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!