މާލެ ސިޓީން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީގެ ސަރަހައްދީ ބަނދަރަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބާރު ކޮޅިގަނޑެއްގައިޖެހި އެ ދޯނީގައި ހުރި 2 ކޮންޓެއިނާ ކަނޑަށް ވެއްޓުމުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
މިއީ ށ. ފީވަކު ބަލްމާ ކުންފުނީގެ "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއްކަމަށް މި ނޫހަށް މައުލޫމާތު ލިބިފައެވެ.
އެމައުލޫމާތު އެނގޭ މީހަކު ށ. ފީވަކުގައި ހުރެ "ތިލަދުން"އަށް ބުނީ މި ދޯންޏަކީ މާލޭ ވިޔަފާރި ބަނދަރުން 2 ކޮންޓެއިނާ ބަރުކޮށްގެން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު އައި ވިލާގަނޑެއްގައި ށ. ނޫމަރާ ކަނޑުތެރެއަށްކަމަށް އޭނާ ބުންޏެވެ. އަދި ކޮންޓެއިނާ ތަކާއި އެކު ދޯނި އަރިއަޅާލި ވަގުތު ކޮންޓެއިނަރެއްގައި ޖެހި ބިދޭސީއެއްގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ދޯނިން ދަތުރުކުރި އެއްވެސް ފަރާތަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.
އަނިޔާވި ބިދޭސީ މީހާ ވަނީ ފީވަކު ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދީފައެވެ.
މި ޙާދިސާގައި އެ ދޯނީގެ އަރިމަތީގެ ބޮޑުބައެއް ވަނީ އެއްކޮށް ހަލާކުވެފައި ކަމަށާއި، އަދި މި ޙާދިސާގައި ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނާ ހުރީ ސޮފްޓް ޑްރިންކްސް ކަމަށް އެނގިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
ހާދިސާގައި މުދާ އުފުލާ ދޯންޏަށް ގެއްލުން ވެފައި، ފޮޓޯ: ފީވަކު އެމްވީ
މި ޙާދިސާ ހިނގިތާ މާގިނައިރުނުވެ ފީވަކުން 3 ދޯއްޏެއް އެ ސަރަހައްދަށް ދަތުރުކޮށް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. މިގޮތުން ފެންމަތީގައިހުރި ކޮންޓެއިނާތައް ދުރަށް ދިއަނުދީ ސަލާމަތް ކުރުމަށް ކުރި މަސައްކަތުން އެ 2 ކޮންޓޭނާ ވެސް ވަނީ ސަލާމަތްކޮށްފައެވެ.
"އެއް ކޮންޓެއިނާ އަޑިއަށް ދަނިކޮށް ސަލާމަތްކުރީ، މިހާރު އެ ކޮންޓޭނާތައް ވަނީ ފީވަކު ބޭރަށް ގެނެސްފައި، މާދަމާ ރަށަށް އަރުވާނެ ކަމަށް މައުލޫމާތު ލިބެނީ" އޭނާ ބުންޏެވެ.
މުދާ އުފުލާދޯނި ސަލާމަތްކޮށް ފީވަކު ބަނދަރަށް ވައްދާފައި، ފޮޓޯ: އިނާން/ފީވައް
މިހާދިސާއާއިގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް "ތިލަދުން"އިން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް ދަންނަވާލުމުން ވިދާޅުވީ މިހާދިސާ ހިނގިކަމުގެ ނުރަސްމީ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފާއި، ކަމާބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!