ހއ. ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިއްޔެ އައި މި ގްރޫޕަށް މަރުޙަބާ ކިޔާފައި ވަނީ ހޯރަފުށީ އެއާޕޯޓާއި، އެރަށު ކައުންސިލް ގުޅިގެންނެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވި ގޮތުގައި މި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ އެއާޕޯޓްގެ ބީޗްގައެވެ. އަދި މި ފަތުރުވެރިން ރިސޯޓަށް ގެންދިޔުމަށް ބަނދަރަށް އުފުލާ ދީފައި ވަނީ އެއާޕޯޓްގެ ފަރާތުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މި ގްރޫޕްގައި ހިމެނެނީ ފިރިހެން ފަތުރުވެރިއަކާއި، ތިން އަންހެން ފަތުރުވެރިންނެވެ. މި ފަތުރުވެރިންނަކީ މަނަފަރު ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ބަޔެކެވެ.
ހއ. އަތޮޅުގައި މިވަގުތު އޮޕަރޭޝަންގައި 2 ރިސޯޓެއް އޮތްއިރު، ހޯރަފުށީ އެއާޕޯޓުން މަނަފަރު ރިސޯޓަށް 5 ވަރަކަށް މިނިޓުން ލޯންޗްގައި ފޯރާނެއެވެ.
މި ގްރޫޕް ހޯރަފުށި އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލިސްގައި ހޯރަފުށި ތަމްސީލް ކުރައްވާ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ އެއީ ހޯރަފުށީ އެއާޕޯޓަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.
Historic day for #HoarafushiAirport. A warm welcome extended to the first batch of tourists arriving at Hoarafushi Airport en route to JA Manafaru Resort. pic.twitter.com/adNmZoRGCs
— Ahmed Saleem (@SalleHoarafushi) October 16, 2021
ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ރަސްމީކޮށް ހުޅުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ އެއާޕޯޓަށް ފުރަތަމަ ޝެޑިއުލް ދަތުރެއް ކުރީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
— Ahmed Saleem (@SalleHoarafushi) October 16, 2021
ހޯރަފުށީ އެއާޕޯޓް މެދުވެރިކޮށް ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް އިއްޔެ ދަތުރުކޮށްފައިވާއިރު، އިއްޔެ ވެގެން ގޮސްފައިވަނީ އެ އެއާޕޯޓުގެ ތާރީޚްގައި އައު ސަފްހާއެއް ލިޔެވުނު ދުވަހަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!