އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ ނާހިދާއާއި އޭނާގެ ދެދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު އަދިވެސް ނުފެނެއެވެ.
ނާހިދާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ރޭ ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެމްއެންޑީއެފް ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު 7:30 ހާއިރު މާލެ ގެނެވިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ނާހިދާގެ ދަރިފުޅު އަދިވެސް ނުފެންނަކަމަށާއި، އެކުއްޖާ ހޯދުމަށް އެކުއްޖާ ކަނޑަށް ވެއްޓުނު ސަރަހައްދުގެ 10 ސްކެއާ މީޓަރު ބެލިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އިއްޔެ މި ހާދިސާ ހިނގީ "ޑްރީމް ސްޕީޑް 2" ކިޔާ ލޯންޗެއް މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަމުން ދަނިކޮށް އޮޅުވެލި ރިސޯޓު ކައިރިންނެވެ. މި ލޯންޗުން ދަތުރު ކުރަމުން ދިޔައީ ނާހިދާއާއި، އޭނާގެ ދެ ދަދަރިން ހިމެނޭހެން ޖުމްލަ 12 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!