މީހުން ދިރިއުޅޭ ރަށްތަކުން މިހާރަށްވުރެ ފަސޭހައިން ދަނޑުވެރިންނަށް ބިން ލިބޭނެގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ބަލާއިރުގައި، ދަނޑުވެރިންނަށް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ބިން ފަސޭހައިން ލިބެން ނެތުން ކަމަށާއި، ދިގު މުއްދަތެއްގައި ބިން ނުލިބުން ކަމަށެވެ.
ރާއްޖޭގައި ދަނޑުވެރިކަން އަދި ބޮޑަށް ކުރަމުން މި އަންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބިން ލިބުމުގައި ދަތިތައް ހުރި ވާހަކަ، ދަނޑުވެރިންގެ ފޯރަމްގައި ދަނޑުވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ކައުންސިލްތަކާ ވާހަކަދައްކައިގެން، ދަނޑުވެރިންނަށް މިއަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެގޮތް ހަމަޖައްސައިދޭން އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ތާޒާކަންމަތީ ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ނެރުމުގައި ހުރި ގޮންޖެހުންތަކާއިގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ރަނގަޅު އަގު ނުލިބުމުގެ މައްސަލަ އޮތްކަން ފާހަގަކުރައްވައި، ބިންކުޑަ ޤައުމެއްގައި ދަނޑުވެރިކަން ކުރާއިރުގައި، ޒަމާނީ ޓެކްނޮލޮޖީއާއި ސައިންޓިފިކް ދިރާސާތަކުގެ މަޢުލޫމާތުތައް، ދަނޑުވެރިންނާ ހިސާބަށް ފޯރުކޮށްދިނުމުގައި ދަތިތައް ހުރިކަން ވެސް ފާހަގަ ކުރައްވާފައެެވެ.
"ދުނިޔޭގެ ބިން ކުދި ޤައުމުތަކުގައި މިހާރު ދަނޑުވެރިކަން ކުރުމަށްޓަކައި ދެންމެ އެގްރިކަލްޗަރ މިނިސްޓަރ އެ ވިދާޅުވިފަދައިން، ވަރޓިކަލް ފަރމިންގއާއި، ހައިޑްރޮފޯނިކް ފަރމިންގ އެބަ ތަޢާރުފްކުރޭ. އަޅުގަނޑުމެންނަށް ދާދިފަހުން އެނގިގެންދިޔައީ، ސިންގަޕޫރުގައި، 2030 ވަނަ އަހަރާ ހިސާބަށްދާއިރު، ސިންގަޕޫރަށް އެތެރެކުރާ ތަރުކާރީގެ 30 ޕަސެންޓް ސިންގަޕޫރުގައި އުފައްދަން ނިންމި ވާހަކަ." ރައީސް ވިދާޅުވިއެވެ.
މިއީ ބިންކުޑަ ޤައުމެއް ކަމަށާއި، އެހެންނަމަވެސް، މިފަދަ ރިސަރޗަކާ އެކީގައި، ޕްލޭނަކާ އެކީގައި މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، ރާއްޖޭގައިވެސް ރާއްޖެއަށް ބޭނުންވާވަރަށް އުފެއްދޭނެ ބާވަތްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މިހާރު 17 ބާވަތެއް ފާހަގަކޮށްފައިވާ ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގައި މިގޮތަށް އުފައްދާ މި 17 ބާވަތް ރާއްޖޭގައި ބޭނުންވާވަރަށް އުފެއްދޭނެ ޕްލޭނަކާ އެކީގައި އެ މަޝްރޫޢު ކުރިއަށް ގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކޮށް، އަދި އެފަދަ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި އުފައްދާ ތަކެއްޗަށް މާކެޓުން ޖާގަ ހޯދައދިނުމަށް މަސައްކަތް ކުރުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!