ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީގެ ހަޔާތްޕުޅުގެ މައްޗަށް ބައިނަލް އަގްވާމީ ފެންވަރުގެ ފިލްމެއް ހަދާނެ ކަމަށް އެ ޕާޓީގެ ވީޑިއޯ،އޯޑިއޯ ސްކޮޑްގެ ކޯޗެއާ އަދި މަޝްހޫރު ފަންނާނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ.
ވީޓީވީން ރޭ ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިއްސޭބުނީ ފަންނާނުންނަށް އެންމެ ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކީ ޖޭޕީ ކަމަށެވެ.
ޖޭޕީއާއި ގުޅެންނިންމައި، ފުރަތަމަ ޤާސިމްއާއި ބައްދަލުވި ދުވަހު ޤާސިމް އޭނާއަށް ކުރެއްވި އިޚްތިރާމާއި، ޖޭޕީއާއި ގުޅުނުރޭ ޤާސިމް އޭނާއަށް ކުރެއްވި އިޚްތިރާމަކީ އާޓިސްޓުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިޚްތިރާމް ވަޒަންކުރެވިގެން ދިޔަކަމެއް ކަމަށް އިއްސޭ ބުންޏެވެ.
ޕާޓީގައި މިހާރު އިއްސޭ ހަވާލުވެފައިވާ މަސައްކަތްކަތާގުޅޭ ގޮތުން ވާހަކަ ދައްކަމުން އިއްސޭ ބުނީ ޤާސިމް އިބްރާހީމާބެހޭ ކުރު ވީޑިއޯ، އޯޑިއޯ ކްލިޕްތައް ހަދައި ސޯސަލްމީޑިއާއި އެނޫންވެސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް، ހުރިހާ ރައްޔިތުންނާ ހަމައަށް ވެސް ފޯރުކޮށް ދޭނެކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ޤާސިމް އިބްރާޙީމްގެ ބަޔޮގްރަފީގެ ފިލްމެއް ދިވެހިރާއްޖޭގެ ދައުލަތުގެ ލައިބްރަރީގައި އޮންނަން ޖެހޭނެ، ޤާސިމް އިބްރާޙީމްގެ ލައިފް ފެށުނުގޮތާއި މިހިސާބަށް އައިގޮތް އޮންނަންޖެހޭނެ، އަޅުގަނޑުމެންނަށް ދޭތެރެއަކުން އަޑުއިވޭނެ ޤާސިމް އިބްރާޙީމް ވަރަށް ބުރަ މަސައްކަތްކޮށްގެންކަން މި ހިސާބަށް އައީ" އިއްސެ ބުންޏެވެ.
އެކަމުގެ މިސާލެއްގޮތުން އިއްސޭ ނެގީ އެންމެފަހުން އޮތް ޓޫރިޒަމް ދުވަހުގެ އިވެންޓްގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ޤާސިމް އިބްރާޙީމްގެ މަސައްކަތްޕުޅާބެހޭގޮތުން ދެއްކެވި ވާހަކައެވެ. އެރޭ މިނިސްޓަރު ނަސީމް ވަނީ އަމިއްލަ މަސައްކަތުން ކުރިއަރައި ދިޔަ މީހެއްގެ މިސާލެއްގެ ގޮތުން ޤާސިމް ނަންގަވައި ވާހަކަ ދައްކަވާފައެވެ. އިއްސޭ ބުނީ ޤާސިމަކީ އަނެއްމީހާއަށް އެހީތެރިވުމުގައި ދޫކޮށްނުލައްވާ ބޭފުޅެއްކަމާއި، އެކަމެއް ކޮށްދެއްވޭތޯ ބަލާ ބޭފުޅެއްކަން މިނިސްޓަރު ނަސީމްގެ ވާހަކައިން ވެސް އެނގިގެން ދިޔަކަމަށާއި، އެއީ އެކަން އޮތްގޮތް ކަމަށް އިއްސޭ ބުންޏެވެ.
"ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއްއެއީ، އެހެންވެ އެ ހިސާބަށް އެމަނިކުފާނަށް އާދެވިފަ އެހެރީ، އަޅުގަނޑުމެންނަށް އިހްސާސްވެސް ނުކުރެވޭނެ މިހިސާބަށް އަންނަން އެބޭފުޅާ އެކުރެއްވި ބުރަ މަސައްކަތް" އިއްސެ ބުންޏެވެ.
ޤާސިމް އިބްރާޙީމް ތުއްޕުޅުއިރުއްސުރެ މިހިސާބަށްއައި އިރު ދިމާވި ގޮންޖެހުންތަކާއި، ދަތި އުނދަދޫތައް ހިމަނައިގެން ކާމިޔާބީއަށް ވާސިލްވި ގޮތުގެ މައްޗަށް ފިލްމެއް ހަދަން މިދިޔަ އަހަރު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނު ކަމަށް އިއްސޭގެ ވާހަކާގައި ފާހަގަ ކުރިއެވެ.
"އަޅުގަނޑު 100 ޕަސެންޓް ކޮމިކްމެންޓް ދޭން ބޭނުންވާކަމެއް އެއީ އަޅުގަނޑުގެ ބެލުމުގެ ދަށުން އެ ފިލްމް ހަދަން، ޤާސިމް އިބްރާޙީމްވަރުގެ ސަހުސިއްޔެއްގެ ފިލްމެއް އިނުންއެއީ މަސްޓެއް އިނގޭތޯ، އިރާދަކުރެއްވިއްޔާ ހަދާނަން، އެ ފިލްމުން އެހާހިސާބަށް ދިޔައީމަ އެނގޭނެ އާދައިގެ ގޮތެއްގައި ނޫންހަދާނީ ވެސް، ހަމަ އިންޓަނޭޝަނަލް ފެންވަރުގައި ހަދާނީ" އިއްސޭ ބުންޏެވެ.
އޭނާ ބުނީ ޑޮކިއުމެންޓްރީތަކާއި، ޓެލެފިލްމްސްތަކާއި، ލީޑަރުގެ އިންޓަވިއުތަކާއި އާންމުންނާ ހަމައަށް ފޯރުކޮށް ދޭނެ ކަމަށާއި، "މޯޝަން ޕިކްޗާސްއިން ދޭ މެސެޖް" ރައްޔިތުންނާއި ހަމައަށް ފޯރާނެކަމަށެވެ.
އިއްސޭގެ ވާހަކާގައި ވަނީ ޤާސިމަކީ ވަރަށްގިނަ ދާއިރާތަކުން މީހުން ބިނާ ކުރެއްވި، ކުރައްވަމުން ގެންދަވާ މުޅި މުޖުތަމައަށް ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ "މަދަދުގާރެއް" ކަމަށް ބުނެފައެވެ. އޭނާ ބުނީ ގާސިމް އިބްރާޙީމްގެ އަރިހުން ދަސްވި އެއްކަމަކީ އެމަނިކުފާނު ކުރައްވާ އިންސާނީ ހިދުމަތް "ވޯޓާ ނާޅުވާ"ކަމަށާއި، ކަމެއް ކޮށްދެއްވާއިރު ވަކި ޕާޓީއަކަށް ވެސް ނުބައްލަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!