ހއ. ކެލާގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް ފަށަން އެރަށު ކައުންސިލުން ތައްޔާރު ވެއްޖެއެވެ.
މި ކޯހަކީ ކެލާ ކައުންސިލާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.
ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިހިންގާ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުއެވެ.
ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީނުކޮށްދޭ މި ކޯހަކީ ދެ ޖިންސުގެ މީހުންނަށްވެސް ޚާއްސަ ކުރެވިފައިވާ ކޯހެއް ކަމަށް އެ ކައުންސިލުން ވިދާޅުވި އެވެ.
އެގޮތުން، މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިކަމަށް ހާއްސަކުރެވިފައިވާ ފޯރމް ފުރިހަމަކޮށް 21 އޮކްޓޯބަރ 2021ގެ 14:00ގެ ކުރިން ކައުންސިލަށް ހުށައަޅަން ވަނީ އެދިލައްވާފައެވެ.
20 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވެވޭނީ 18 އަހަރާއި 45 އަހަރުގެ ފަރާތްތަކަށް އެކަންޏެވެ.
ހއ. ކެލާއަކީ ގުދުރަތީ ވަރަށް ސާފު މުދާކާއި، ރީތި ފަޅެއް އޮންނަ ރަށެކެވެ. އެރަށުގައި މިއަހަރު ފެބްރުއަރީ މަހު ވަނީ ފަތާ ޓްރެކެއްވެސް ގާއިމުކޮށް ބޭނުން ކުރަން ފަށާފައެވެ.
ޗައިނާ ސަރުކާރުގެ ހަދިޔާކުރި މި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޓްރެކް ވަނީ ރާވައި، ބޭނުން ކުރަންފެށީ މިއަހަރު ފެބްރުއަރީ މަހުގެ ފަހު ހަފްތާގައެވެ.
މި ފަތާ ޓްރެކަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، 2019 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކެލާއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޒުވާނުން، އެރަށުގައި ފަތާޓްރެކެއް ހެދުމަށް އެހީތެރިކަމަށް އެދުމުން ހަދިޔާ ކުރެއްވި ފަތާ ޓްރެކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!