މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާޙްކޮށްފިއެވެ.

މި ހަރަކާތް އިފްތިތާޙްކޮށްދެއްވީ އިއްޔެ މެންދުރުފަހު މާގިރި ހޮޓަލުގައި ކުރިއަށް ދިޔަ ހަފުލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދެވެ.

Ad
rt

"ސުޕަރ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.

މި ހަރަކާތް އިފްތިތާހްކޮށް ދެއްވުމަށްފަހު، މި ޙަފްލާގައި މެޑަމް ފަޒްނާ ވަނީ މޮމްސް ޖަމްޢިއްޔާއިން ހާޞިލުކުރުމަށް ކަނޑައަޅާފައިވާ މަޤްސަދުތަކުގެ ތެރޭގައި، އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ފުރަބަންދުގެ ޙާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކައި ނިމިދިޔަ ރަމަޟާން މަހު ސުޕަރ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮޤްރާމް ކުރިއަށްގެންގޮސްފައިވާކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެކަމަނާ ވަނީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއްކަމުގައި ފާހަގަކުރައްވައި މިފަހަރުގެ ޕްރޮޤްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ޕްރޮޤްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުޞަތުދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރުއަދާކުރުމަށް ބާރުއަޅުއްވާ އެކަމަނާ ވާހަކަފުޅު ދައްކަވާފަވެއެވެ.