ހަނިމާދޫ ޝަރީފް، މޭބިސްކަދުރު ގަނެގެން ނުކާތާ 6 އަހަރު!

ޝަރީފް ހައްދާފައިވާ މޭބިސް ކަދުރު ވެލުގައި މޭބިސް ކަދުރު އަޅާފައި
ޝަރީފް ހައްދާފައިވާ މޭބިސް ކަދުރު ވެލުގައި މޭބިސް ކަދުރު އަޅާފައި

ރާއްޖޭގައި މޭބިސްކަދުރު ހައްދާ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. މި ފަހަކަށް އައިސް ރާއްޖޭގައި މޭބިސްކަދުރު ހައްދާ މިންވަރު އިތުރު ވަމުން އަންނަކަމުގެ ހެކިދޭ އެއް މާހައުލަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ. ދަނޑުވެރިކަމުގެ ވައިބާ ގްރޫޕްތަކާއި ދަނޑުވެރިކަމާއި ގުޅުންހުރި ފޭސްބުކް ޕޭޖްތަކުގައި ދަނޑުވެރިން ހިއްސާ ކުރަމުން އަންނަ ފޮޓޯއާއި ވީޑިއޯތައް ކަމުގައި ބުނެވިދާނެއެވެ. މިހެން ހައްދާ މޭބިސްކަދުރު ވެޔޮތަކުގައި އަޅާ މޭބިސްކަދުރު ކޯޅި ކުޑަވުމާއި ފޮނިރަހަ ނުލުމުގެ ވާހަކައަކީ ވެސް އާންމު ވާހަކައެކެވެ.

ނަމަވެސް ހދ. ހަނިމާދޫ، ރަނާ، އަޙްމަދު ޝަރީފް ހައްދާ ފެހި މޭބިސްކަދުރު ވެލަކީ ތަފާތު ވެލެކެވެ. އެ ވެލުގައި އަޅާ މޭބިސްކަދުރި ފޮންޏެވެ. އާންމުކޮށް ރާއްޖޭގައި ހައްދާ މޭބިސްކަދުރުން ލިބޭ ކޯޅިއަށްވުރެ ބައެއް ފަހަރު ލިބޭ ކޯޅި ބޮޑެވެ. މިގޮތުން ބައެއް ސީޒަން ތަކުގައި އެ ވެލުގައި ތިން ކިލޯގެ ހުންނަ ވަރުގެ ބޮޑެތި ކޯޅިތައް އާދެއެވެ.

ޝަރީފް ހައްދާފައިވާ ވެލުގައި މޭބިސްކަދުރު އަޅާފައި

ޝަރީފް ވަނީ އޭނާ މޭބިސްކަދުރު ހެއްދުމަށް ކުރި މަސައްކަތް "ތިލަދުން" އާއި ހިއްސާ ކޮށްފައެވެ. މޭބިސްކަދުރު ހެއްދުމަށް ޝަޢުޤުވެރިކަން ހުރުމުން އޭގެ ގޮފިކޮޅެއް ހއ.އިހަވަންދޫއިން ގެނެސް އެ ރޯކުރަން މަސައްކަތް ފެށީ މީގެ ހަ ވަރަކަށް އަހަރު ކުރިންނެވެ. ފުރަތަމަ ގެނައި ގޮފިކޮޅު ރޯވެ ހެދޭ ގޮތް ނުވުމުން، އެވަރުން ހިތްވަރު ދޫނުކޮށް އިތުރު ގޮފިކޮޅެއް ގެނެސް މަސައްކަތް ފަށައި އެފަހަރު ކާމިޔާބުކުރިއެވެ.

"ދެވަނަހަ ފަހަރު ގެނައި ގޮފިކޮޅު އިންދީ ޔުނިގްރޯއާއި ކަޅުފަސް ބޭނުން ކޮށްގެން ބެޑް ހަދާފައި، އެފަހަރު މޭބިސްކަދުރު ވެޔޮ ރޯވެ ހެދެނަ ފެށީ" ޝަރީފް ބުނެފައިވެއެވެ.

ޝަރީފް ހައްދާފައިވާ ވެލުގައި މޭބިސްކަދުރު އަޅާފައި

ޝަރީފް ބުނެފައިވާ ގޮތުގައި އޭނާއަކީ ދަނޑުވެރިއެއް ނޫނެވެ. ދަނޑުވެރިކަމާއި ގުޅޭ އެއްވެސް ތަމްރީނެއް އޭނާއަށް ލިބިފައެއް ވެސް ނުވެއެވެ. ނަމަވެސް މޭބިސްކަދުރު ހެއްދުމުގައި ދިމާވާ ކަންކަމާއި ދަންނަ މީހުންނާއި ސުވާލުކޮށް ހަދައި އޮޅުން ފިލުވާ އެ ދޭ އިރުޝާދުތަކުގެ އަލީގައި އަމިއްލަ މަސައްކަތުން ޝަރީފް އަންނަނީ ކަންކަން ދަސްކުރަމުންނެވެ.

ޝަރީފް ބުނެފައިވާ ގޮތުގައި އެ ވެލުން ކޮންމެ ހަ މަހަކުން ހަ މަހަކުން މޭބިސްކަދުރު ކާން ލިބޭއިރު، ވެލުގައި މޭބިސްކަދުރު އަޅާ ކޮންމެ ފަހަރަކު ފަންސަވީހަކަށް ނުވަތަ ސާޅީހަކަށް ކޯޅި އަޅައެވެ. މޭބިސްކަދުރު ކޯޅިތައް ވެލުގައި ހުރެ ދޮންވާން ފެށުމުން ކާޅުގެ އުނދަގޫ ޖެހެމުން އަންނަ ކަން ޝަރީފް ވަނީ ފާހަގަ ކޮށްފައެވެ.

"މޭބިސްކަދުރު މިހާރު ގަނެގެން ނުކާތާ ހައެއްކަ އަހަރުވީމި، ގޭގައި ޖާގަ އޮތްމިންވަރަކުން މޭވާ ހައްދައި އަމިއްލަ މަސައްކަތުން ހައްދާ މޭވާ ކާން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް، އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް" ޝަރީފް ބުނެފައިވެއެވެ.

ޝަރީފް ހައްދާފައިވާ ވެލުގައި މޭބިސްކަދުރު އަޅާފައި

މޭބިސްކަދުރު ކޯޅިތައް ދޮންވުމުން ބިނުމަށް ފަހު، މޭބިސްކަދުރު ވެލުގެ މައިގަނޑު ގަސްގަނޑު ބައި ބެހެއްޓުމަށް ފަހު ވެޔޮ އެއްކޮށް ކޮށާލަން ޖެހެއެވެ. ކޮށާލުމުން އަލުން ނިރުޖަހައި ހެދެން ފެށުމުން އެ ނިރުތަކުގައި އަނެއްކާ ވެސް މޭބިސްކަދުރު އަޅަން ފަށައެވެ.

އެ ވެލަށް ޝަރީފް ދެމުން އަންނަ ކާނާއަކީ 1616 (ސޯޅަސޯޅަ) ގެ އިތުރުން 2424 (ސައުވީސްސައުވީސް) އެވެ. މި ކާނާ ދެމުން އަންނަނީ  ކޮންމެ ހަފްތާއަކު އެއްފަހަރު ވައްތަރަކުން ޓޫތުޕިކު ހުސްކުރި ދަޅެއްގެ މިންވަރު ގަހުގެ ބުޑަށް އަޅައިގެންނެވެ. ޝަރީފް ބުނެފައިވާ ގޮތުގައި މޭބިސްކަދުރަކީ ވަރަށް ފެން ބޭނުންވާ ވެލެކެވެ. ވުމާއެކު ވެލުގެ ބުޑު އަބަދުވެސް ތެއްކޮށް އޮންނަ ވަރަށް ފެން ދޭންވާނެއެވެ.

ޝަރީފްގެ މޭބިސްކަދުރު ވެލުން ގޮފި ގެންގޮސްގެން ރަށުގެ ބައެއް ގޭތަކުގައި ވެސް އެ ރޯކޮށް މިހާރު އަންނަނީ ހައްދަމުންނެވެ. މީގެ އިތުރުން އެހެން ބައެއް ރަށްރަށަށް ވެސް އޭގެ ކުރި ޝަރީފް ވަނީ ފޮނުވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މޭބިސް ކަދުރު ޝަރީފް ނުގަންނަނީތޯ ތީތީތީތީތީތީތ ނޫނީ ޝަރީފް މޭބިސް ކަދުރު ނުގަންނަނީތޯ

  2. މުޖޭ އަށް ކޮމާ ނުފެނުނީބާ؟؟. ދިވެހި ބަހުގަ ކޮމާ އެއްގެ ބޭނުމަކީ ކިޔަމުން ދާ އިރު ކުޑަކޮށް މަޑު ޖެހިލާފަ ކުރިޔަށް ދިޔުން. އޭރުން ތިޔަ މައްސަލަ ދިމާ ނުވާނެހެން ހީވަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި